24 Oct 2023, 16:29
ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯއްޗަށާއި ފްލެޓަށް އެދި ޖުމްލަ 40،594 ފޯމު ހުށަހަޅައިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވައްސާއި، ގެދޮރުވެރިން މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލައިފައި އޮތް މުއްދަތު މިއަދު ހަވީރު 15:00އަށްވަނީ ހަމަވެފައެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މަޝްރޫއުގެ ދެވަނަ ބުރުގައި ބިމަށް އެދި 19،347 ފޯމު ހުށަހަޅައިފައިވާކަމަށެވެ. ފްލެޓަށް އެދި 21،247 މީހަކު ހުށަހަޅައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.
އެ ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައި ވަނީ އުތުރު ތިލަފަޅުންނެވެ.
މި މަޝްރޫއު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އިއުލާންކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މާލޭގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ މިއީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ލިބޭނެ ކަމެއް ކަމަށެވެ.