16 May 2012, 13:41
ދެ ހާސް ހަތް ވަނަ އަހަރު ސަލްޓަންސް އޮފްދަ ސީސް އިން ދެ ލޯންޗް ރާއްޖެ އެތެރެކުރި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ކުރީގެ ވެރިޔާ މ. ބާރަނާ އިބްރާހިމް ޝާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރާއިރު އެއިރު ޝާފިއު ކަސްޓަމްސްގެ ވަޒީފާގައި ނޫޅުއްވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާއަށް ޖަވާބުދާރީ ވަމުން ޝާފިއުގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ އެ ދެ ލޯންޗް ރާއްޖެ އެތެރެކުރި އިރު ޝާފިއު ކަސްޓަމްސްގެ އެއްވެސް މަގާމެއްގައި ނެތް ކަމަށާއި ޝާފިއު ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމާއި ހަވާލުވެވަޑައިގަތީ ސެޕްޓޭމްބަރު 4، 2008 ގައި ކަމަށެވެ.
"ދެ ލޯންޗް އެތެރެކޮށްފައި އޮތް އިރު އެކައްޗަކީ 14 ޑިސެމްބަރު 2007 ގައި އެތެރެކޮށްފައި އޮތް އެއްޗެއް. އަނެކައްޗަކީ 25 މާޗް 2008 ގަ އެތެރެކޮށްފައިވާ އެއްޗެއް. އެ ދެލޯންޗްގެ ތެރެއިން އެކަތި އެތެރެކޮށްފައި ވަނީ ޝާފިއު މަގާމާ ހަވާލުވުމުގެ ނުވަ މަސް ކުރިން. އަނެކަތި އެތެރެކޮށްފަ ވަނީ ޝާފިއު މަގާމާ ހަވާލުވުމުގެ ފަސް މަސް ކުރިން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުން ދައުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ޝާފިއު މަގާމާއި ހަވާލުވުމުގެެ ކުރިން ހިނގާފައިވާ ކަމެއްކަމަށާއި އެހެން ކަމުން އެކަމާ ގުޅުވައި ޝާފިއުގެ (ފޮޓޯގައި) ކޮނޑުގައި ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސަލްޓަންސް އިން އޮޅުވާލިކަމަށް ބުނާއިރު ސީދާ ކަނޑައެޅިގެން އެ ކުންފުނިން އޮޅުވާލިކަމަށް ސާބިތުވެފައެއް ނެތްކަމަށާއި އެކަން ސާބިތު ނުވަނީސް އޮޅުވާލި ކަމުގެ ކުށުގެ ބޭނުންކޮށްގެން އެހެން މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ޝާފިއު ދައުވާއަށް އިންކާރުކޮށްފައި ވާތީ ދައުލަތުން މިއަދު ވަނީ ދައުވާ ސާބިތުކުރުމަށްޓަކައި ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅާފައެވެ.
ހެއްކާއި ގަރީނާގެ ގޮތުގައި ދައުލަތުން ހުށަހެޅި ބައެއް ލިޔުންތަކުގެ ތެރޭގައި ކަސްޓަމްސް އިން މުދާ ފާސްކުރިކަން އަންގައިދޭ ލިޔުމާއި ޑިއުޓީ ދެއްކުމަށް ކަސްޓަމްސްގެ އިވޭލުއޭޝަން ކޮމެޓީން ފޮނުވި ރިޕޯޓް ހިމެނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ލެޓާ އޮފް ކްރެޑިޓް (އެލްސީ) ގަރީނާއެއްގެ ގޮތުގައި ހުށަހަޅާފައި ވެއެވެ.
ޝާފިއުގެ ވަކީލު ފައިސަލް ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ޝާފިއު ޑިއުޓީ ކުޑަކޮށްދީފައި ވާކަން ސާބިތު ނުވާކަމަށެވެ.
އޭނާ ވިދާޅުވީ އެކަމާ ބެހޭގޮތުން މީޑިއާގަ ތަފާތު ވާހަކަތައް ދެކެވި ޝާފިއުގެ އަބުރަށް ހުތުރުވެ ހުތުރު ނަންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޝާފިއު ރާއްޖެއިން ބޭރުގައި ކިޔަވަން ހުރުމަށްފަހު އެ މައްސަލައިގެ ޝަރީއަތަށް ރާއްޖެ އައިސްފައިވާތީ އެ މައްސަލައިގެ ޝަރީއަތް އަވަސް ކޮށްދިނުމަށް ވެސް ފައިސަލް އެދިވަޑައިގަތެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އެ މައްސަަލައިގެ ޝަރީއަތުގެ މަޖިލީހެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.