24 Oct 2023, 16:58
ޣައްޒާ (24 އޮކްޓޯބަރު 2023): ޣައްޒާގެ ހާލުގައި ޖެހިފައިވާ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލު އަޅަމުންގެންދާ ހުރަސްތަކުގެ ސަބަބުން 200 ލޮރީ އަދިވެސް ޣައްޒާގެ ރަފްހު ބޯޑަރު ހުރަސްނުކުރެވި އެ ތަނުގައި އެބައޮތް ކަމަށް އެހީދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.
އެހީގެ ތަކެތިދޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާއިން ބުނީ ރަފްހު ބޯޑަރުގައި ތާށިވެފައިވާ ލޮރީތަކުގެ ތެރޭގައި އެ ޖަމިއްޔާގެ ގިނަ އަދަދެއްގެ ލޮރީ ހިމެނޭ ކަމުގައެވެ. އެ ލޮރީތަކުގައި ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ސިއްހީ ތަކެއްޗާއި މެޝިނަރީ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް ބޮންއަޅައި އާންމުން މަރަމުން ގެންދިޔުމުގެ އިތުރުން އިސްރާއީލު ގެންދަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ފާޅުގައި ހުރަސްއަޅަމުންނެވެ. މިގޮތުން މަދުވެގެން ދުވާލަކު 500 ލޮރީގެ އިންސާނީ އެހީގެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާއިރު އިސްރާއީލުން ޣައްޒާއަށް ވެއްދުމުގެ ފުރުސަތުދެނީ ވިއްސަކަށް ލޮރީގެ ތަކެއްޗެވެ.
ޣައްޒާއަށް އިސްރާއީލު ހުއްޓުމެއްނެތި ބޮން އަޅަމުން ގެންދާތީ އިންސާނީ އެހީގެ އެއްވެސް އެއްޗެއް ޣައްޒާއަށް އެތެރެ ކުރެވެނީ އިސްރާއީލުގެ ހުއްދައާ އެކުގައެވެ. ކާބޯތަކެއްޗާއި ބޭސް ހިމެނޭ 200 ވަރަކަށް ލޮރީ ޣައްޒާއަށް ވައްދުމުގެ ފުރުސަތު ދޭނެކަމުގެ ޔަގީންކަން އިސްރާއީލުން ދީފައިވީ ނަމަވެސް ފަހުން އިސްރާއީލުން ވަނީ އެ ތަކެއްޗަށް ހުރަސްއަޅާފައެވެ. ޣައްޒާއަށް ވަނުމުގެ ފުރުސަތު ދީފައިވަނީ މަދު އަދަދެއްގެ ލޮރީ އަށެވެ.
ޣައްޒާއަށް ބޭނުންވާ ކަރަންޓް އުފައްދަން ބޭނުންވާ ތެޔޮ އެތެރެ ކުރަން ވެސް އިސްރާއީލުން ގެންދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާއިން ތެޔޮ ހުސްވެއްޖެނަމަ ކަރަންޓުގެ ޚިދުމަތް ކެނޑި ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ. ނަމަވެސް އދ. ގެ ގަރާރުތަކާއި ގޮވާލުންތަކަށް ބީރުކަންފަތެއް ދޭގޮތަށް އިސްރާއީލު ގެންދަނީ މިކަމަށް ވެސް ބީރުކަންފަތެއްދީ އަނިޔާވެރިކަމާއި ލާއިންސާނީކަން ކުރިއަށް ނެރެމުންނެވެ.
މިސްރު ބުނާގޮތުން ދުނިޔޭގެ އެތައް ގައުމަކުންވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީގެ ތަކެތި ފޮނުވައިފައެވެ. މީގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކާބޯތަކެއްޗާއި ބޭހެވެ. އެގޮތުން، 300 ޓަނުގެ ކާބޯތަކެއްޗާއި ބޭސް ހިމެނޭ ލޮރީތައް ރަފްހުބޯޑަރުގައި ކިޔޫ ހަދާލާފައި އެބަތިބި ކަމަށާއި އެ ލޮރީތައް ޣައްޒާއަށް ވަނުމަށް ހުރަސްއަޅަނީ އިސްރާއީލުންކަން މިސްރުން ބުނެއެވެ.
އިސްރާއީލުން މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 5200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ހަރުކަށިވެރިން ބައިނަލްއަޤްވާމީ އަދާލަތަށް ހާޒިރު ކުރެވެންޖެހޭނެ ކަމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ކުރީގެ ޕްރޮސެކިއުޓަރު ލުއިސް އޮކަންބޯ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ މިޖަރީމާތަކަށް ވާގިވެރިވާ ޔޫރަޕްގެ ލީޑަރުން ވެސް ބައިނަލްއަޤްވާމީ އިންސާފު ކުރިމައްޗަށް ހާޒިރުކުރެވެން ޖެހޭނެކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ.