ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ސިވިލް ސާވަންޓުންނަށް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޮކް ބަދަލުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު އަދާހަމަކޮށް، އާންމުކޮށްފައިވާ ދައުލަތުގެ ފްރޭމްވޯކްގައި ވާގޮތުން މަސައްކަތް ކުރާ ރަސްމީ ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކާއި ހުކުރުދުވަހުގެ ޑިއުޓީއުސޫލުން މަސައްކަތްކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ.

އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މުވައްޒަފުންނަށް ލިބޭ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި މަސައްކަތުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި ކަމަށް އިސްލާހު ގެނައި ފްރޭމްވޯކުގައިވެއެވެ.

މި އިސްލާހުގައިވާ ގޮތުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވި ނަމަވެސް އަދި، އޮންލައިންކޮށް މަސައްކަތް ކުރާ ހާލަތްތަކުގައި ސައިންއިން ވެގެން ހާޒިރު ވީ ނަމަވެސް އޮފީހަށް ހާޒިރުވުން ކަމުގައި ބަލައެވެ. އަދި ހާޒިރުވީ ދުވަހަށް ހާޒިރީ އެލަވަންސް ލިބެއެވެ. އަދި އޮފީހުގެ ދަތުރެއްގައި ރާއްޖޭގެ ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހުު ނަމަވެސް ހާޒިރީ އެލަވަންސް ލިބޭނެއެވެ.

މީގެ ކުރިން މި ގަވާއިދު އޮންނަ ގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރި ނަމަވެސް އެ ދުވަހަކަށް އެލަވަންސެއް ނުލިބޭނެއެވެ. އެހެންނަމަވެސް، މަސައްކަތްކުރާ ރަސްމީ ދުވަސްތަކުގެ ތެރެއިން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް އޭރުވެސް މި އެލަވަންސް ލިބެއެވެ. އަދި އޮފީހަށް ގޮސްގެން ވިޔަސް އަދި އޮންލައިންކޮށް މަސައްކަތްކުރި ނަމަވެސް އެ އެލަވަންސް ލިބެއެވެ.