ޣައްޒާ (24 އޮކްޓޯބަރު 2023): އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށް ބޮންއަޅައި ހިންގަމުން ގެންދާ ގަތުލުއާންމުތަކަކީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ލުބްނާނުގެ އަސްކަރީ އަދި ސްޓްރެޓީޖިކް އެނަލިސްޓް އިލްޔާސް ހަންނާ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާގައި ވަހަކަ ދައްކަވަމުން ހަންނާ ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށް ބޮންއަޅައި ހިންގަމުން ގެންދާ ގަތުލުއާންމުތަކުގެ ސަބަބުން ހަމާސްގެ އަސްކަރީ ގާބިލްކަމަށް ކުޑަވެސް ލޮޅުމެއް ނާރާނެއެވެ. މިއީ އިސްރާއީލުގެ ބަލިކަށިކަން ހާމަވާ ކަމެކެވެ. އަދި، ހަމާސުން އަސީރުކޮށްފައިވާ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ވެސް އެކަމުގެ ސަބަބުން މިނިވަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަންނާ ވިދާޅުވި ގޮތުގައި ޣައްޒާއަށް އެއްގަމުން އަރައިގަންނަން އިސްރާއީލަށް އުޅެނީ އެއްގޮތަކަށް ވެސް ނުކުރިގެންނެވެ. އެއްގަމުން އަރައިގެންފިނަ އިސްރާއީލު ސިފައިންގެ އެތައް ސަތޭކަ ބަޔަކު ކުރުމުއްދަތެއްގެ ތެރޭގައި ހަމާސްގެ އަތްދަށުން މަރުވާނެކަން އިސްރާއީލުގެ ކޮމާންޑަރުންނަށް އެނގެއެވެ.

ހަމާސްގެ މުޖާހިދުންގެ އަތުގައި ދިގުމުއްދަތަކަށް ހަނގުރާމަކުރުމަށް ބޭނުންވާ ހަތިޔާރާއި ކާބޯތަކެއްޗާ އެ ނޫން ވެސް ވަސީލަތްތައް ހުރި ކަމަށާއި ހަމާސްއާ އެކު ދިގުދެމިގެންދާ ހަނގުރާމައަކަށް ވަންނަން އިސްރާއީލު ސިފައިންނަށް ނުކެރޭނެ ކަމަށް ހަންނާ ވިދާޅުވިއެވެ. އަދި، އެއްގަމުން އިސްރާއިލު ސިފައިން ޣައްޒާއަށް ވަން ނަމަވެސް ހަމާސުން ހައްޔަރުކޮށްގެން އުޅޭ އިސްރާއީލުގެ އަސީރުން ބާރުގެ ބޭނުންކޮށްގެން މިނިވަންކުރުމަކީ މުސްތަހީލު ކަމެއްކަން އިލްޔާސް ހަންނާ ފާހަގަ ކުރެއްވިއެވެ.

އަނެއްކޮޅުން ރަޝިއާގެ ޖެނެރަލެއް ކަމަށްވާ އެންދްރޭ ގްރްލީވް ވިދާޅުވި ގޮތުގައި ހަމާސްގެ މުޖާހިދުންނާ ހަނގުރާމަކުރުމަށް ބޭނުންވާ މޭންޕަވާ އާ އިންސާނީ ހިތްވަރާއި އެކަމުގެ ތަމްރީން އިސްރާއީލުގެ ލަޝްކަރުތަކުގައި ނެތެވެ. ގްރްލީވް ވިދާޅުވި ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ އާންމުން ދިރުއުޅޭ ތަންތަނަށާއި ހޮސްޕިޓަލްތަކަށް ދެމުންގެންދާ ޙަމަލާތަކަކީ އަސްކަރީގޮތުން އެއްވެސް ބޭނުމެއްނެތް ހަމަލާތަކެކެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަަލަސްތީނުގެ އާންމުން --

ހަމާސްއާ ދެކޮޅަށް އެއްގަމު ހަނގުރާމަ ކުރުމަށް ތައްޔާރުވުމުގެ ގޮތުން ވެސް މިހާރު ޣައްޒާގެ މަދަނީ ތަންތަނަށް އިސްރާއީލު ދޭ ހަމަލާތަކުގެ އަސްކަރީ ބޭނުންނެތްކަމަށް ގްރްލީވް ވިދާޅުވިއެވެ.

ޖެނެރަލް އިލްޔާސް ހަންނާ އާއި ޖެނެރަލް ގްރްލީވް ދެކެވަޑައިގަންނަވާ ގޮތުގައި އެއްގަމު ހަނގުރާމަ ކުރުމުގެ ނަމުގައި އިސްރާއީލު ސިފައިންނަށް ކުރަން ކެރޭނެ ހަމައެކަނި ކަމަކީ ޣައްޒާގެ ވަރަށް ކުޑަ ސަރަހައްދަކަށް ވަދެގަތުމަށް ފަހު އެ ތަނުން ނުކުތުމެވެ. އެއަށްވުރެ ބޮޑު ކަމެއް ކުރަން އިސްރާއީލަށް ކެރޭނެ ކަމަކަށް އެ ދެ ބޭފުޅުން ދެކެވަޑައި ނުގަންނަވައެވެ.

އިސްރާއީލު ގެ އަސްކަރީ ސްޓްރެޓެޖީ ރާވާފައިވާ ކަމަށް ބެލެވެނީ ވެސް އެގޮތަށް ކަމަށާއި އިސްރާއީލުގެ މައިގަނޑު ކަމަކަށް ވާނީ ވައިގެ މަގުން ހަމަލާތައް ކުރިއަށް ގެންގޮސް ފަލަސްތީނުގެ އާންމުންގެ ވީހާ ވެސް ގިނަ ބަޔަކު މެރުން ކަމަށް އެ ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ. އިސްރާއީލު މަސައްކަތް ކުރަމުންގެންދަނީ ޣައްޒާގެ އާންމުން މެރުމަކީ އަސްކަރީ ގޮތުން ހަމާސްގެ މައްޗަށް ހޯދާ ކާމިޔާބެއްކަން އިސްރާއީލުގެ އާންމު ރައްޔިތުންނާއި އަދި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ލީޑަރުންނަށް ދެއްކުމަށް ކަމަށް ވެސް ޖެނެރަލް އިލްޔާސް ހަންނާ އާއި ޖެނެރަލް ގްރްލީވް ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑީއިރު ތެރޭގައި އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޣައްޒާގެ އާންމުންގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 800 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާއިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ އިދާރާ ބުނާ ގޮތުން އިސްރާއީލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ އަޑީގައި ސަލާމަތް ނުކުރެވި ފަލަސްތީނުގެ 1600 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ބެލެވޭއިރު މީގެ ތެރޭގައި 800 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށް ބޮންއަޅައި ހިންގަމުން ގެންދާ ގަތުލުއާންމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އިސްރާއީލަށް ޒިޔާރަތް ކުރައްވައި އެ ޖަރީމާތަކަށް ފާޅުގައި ހިތްވަރު ދެއްވަމުންނެވެ.

އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު މި ޖަރީމާތަކަށް ހުޅަނގުގެ ލީޑަރުން ފާޅުގައި ތާއީދު ކުރައްވާއިރު އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓް ކުރަން ހުޅަނގުގެ ލީޑަރުންނަށް އޮތް ހަމައެކަނި އެއްޗަކީ އެއްޖިންސުން ގުޅުންހިންގުމުގެ ކަންތައްތަކެވެ.

ހުޅަނގުގެ ލީޑަރުން އިންސާނީ ހައްގުތަކުގެ ނަމުގައި މައިގަނޑު ގޮތެއްގައި ދައްކަވަނީ އެއްޖިންސުން ގުޅުންހިންގުމަށް ފުރުސަތު ދިނުމުގެ ވާހަކަތަކެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ސޮފްތް ޕަވާ ދުނިޔޭގައި ވަރަށް ބޮޑަށް ކުޑަވާން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.