އަތްދަބަހަކަށް 60،000ރ. ލައިގެން ދިޔަ މީހަކަށް ބިރު ދައްކައި ފައިސާތަކާ އެކު އަތް ދަބަސް ފޭރިގަނެ މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސުނު އިރު ކަމަށާއި ދަބަސް ފޭރިގަތީ މާވެޔޮ މިސްކިތް ކުރިމަތީގައި އޮންނަ ގޯޅި ތެރެއިން ކަމަށެވެ.

އެ ފޭރުމާ ގުޅިގެން މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި ބެޗް ކޮންސްޓަރަކްޝަންގައި މަސައްކަތްކުރާ އެ މީހާގެ އަތުގައި އޮތް ދަބަހުގައި 60000ރ.ގެ އިތުރުން 58،000.00ރ.ގެ ޗެކަކާއި 150،000.00ރ.ގެ ޗެކެއް ވެސް އޮތެވެ. އޭނާގެ އަތުން ފައިސާ ދަބަސް ފޭރެން އުޅުމުގެ ތެރޭގައި އަތުގެ އިނގިލިތައް ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފައިސާ ދަބަސް ފޭރިގަތް ކަމަށް ބެލެވެނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މިހާރަކަށް އައިސް މީހުންގެ އަތްދަބަހާއި ކަރުގައި އަޅާފައި ހުންނަ އަގުބޮޑެތި ފަށް ފަދަ އަގުބޮޑު ތަކެތިި ފޭރުމުގެ މައްސަލަތައް އިތުރުވެފައި ވާތީ ރައްޔިތުން އެ ކަންކަމަށް ހޭލުންތެރިވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.