24 Oct 2023, 12:10
އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓެއްގެ ގޮތުގައި 196.2 މިލިއަން ރުފިޔާ ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ އިދާރާގެ ބަޖެޓެއްގެ ގޮތުގައި ފާސްކޮށްދިނުމަށް އެދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅައިފައިވަނީ ޖުމްލަ 192،011،420 އެވެ. މީގެ ތެރެއަށް ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން ހަތަރު 4،226،000 ރުފިޔާ އިތުރަށް ހިމެނެއެވެ. އެހެންކަމުން އެއީ ޖުމްލަ 192،237،420 ރުފިޔާއެވެ.
މީގެ އިތުރުން މުވައްޒަފުންގެ އެލަވަންސް ބޮޑުކުރުމަށް ވެސް 4.6 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފައިވެއެވެ.
އެއާއެކު ޖުމްލަ 196.2 މިލިއަންގެ އަދަދު ފާސްކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިތުރު ހުށަހެޅުމެއް އައިސްފައިނުވާތީ ޖުމްލަ 196،237،420 ރުފިޔާ ފާސްކުރަން ނިންމީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ އިދާރާއިން އަންނަ އަހަރަށް ލަފާކޮށް އާންމު ކޮމިޓީއަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 186 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް މީގެ ކުރީގެ ކޮމިޓީ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް ނުލިބޭތާ 11 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެހެންވެ، އަންނަ އަހަރު މަޖިލީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އޭނާ ހުށަހެޅީއެވެ.
އެކަމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތާއީދު ލިބުމުން، މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިނގާނެ ޚަރަދު ބަލައި، އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށަހެޅުމަށް ފާސްކޮށްފައިވެއެވެ.
މަޖިލީހުން މި އަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، 20 ވަނަ މަޖިލީހަށް އިތުރުވާނެ މެންބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރައެވެ.