25 Oct 2023, 09:05
އެޕަލްގެ އުފެއްދުންތައް، ޖެނެރޭޓިވް އޭއައިއަށް އިންޓަގްރޭޓް ކުރުމަށް ކުރާ މަސައްކަތްތަކަށް އަހަރަކު އެއް ބިލިއަން ޑޮލަރު ޚަރަދުކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ޕްރޮޑަކްޓްތައް އުފެއްދުމަށް އަހަރަކު އެއް ބިލިއަން ޑޮލަރު އެ ކުންފުނިން ޚަރަދު ކުރާނެއެވެ.
މިހާ ބޮޑު ޚަރަދެއް ކުރަން އެޕަލްއިންއިން ނިންމާފައިވަނީ ގޫގުލް، މައިކްރޮސޮފްޓް އަދި އެމެޒޯން ފަދަ ބައެއް ވާދަވެރިނާ އޭއައި ޕްރޮޑަކްޓްތަކާއި ފީޗާތައް ތައާރަފްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޕަލްގެ އުފެއްދުންތަކުގައި އޭއައި ބޭނުން ކުރި ނަމަވެސް އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ނުވަތަ ގޫގުލް ބާޑާ އެއްގޮތަށް ޖެނެރޭޓިވް އޭއައި ޕްރޮޑަކްޓެއް ނެރެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެޕަލްގެ އޭއައި ބޭނުން ކުރަނީ ފޮޓޯ ރަނގަޅުކުރުމާއި އޮޓޯކަރެކްޓިން ޓެކްސްޓް ފަދަ ކަންތައްތަކަށެވެ.
ބްލޫމްބާގުން ބުނީ އެޕަލްގެ އަމިއްލަ އޭއައި ބޮޓެއް ތަޢާރަފުކޮށްފައި ނުވި ނަމަވެސް އެޕަލްއިން އަމިއްލަ ބޮޑު ބަހުގެ މޮޑެލް އެއް ނުވަތަ އެލްއެލްއެމް ފްރޭމްވޯކެއް ހަދާފައިވާ ކަމަށާއި އެއީ އަޔެކްސްގެ ނަމުން ނަންދީފައިވާ ފްރޭމްވޯކެއްގެ އިތުރުން، އެޕަލް ޖީޕީޓީގެ ނަމުން ނަން ދީފައިވާ ޗެޓްބޮޓެއް ކަމަށެވެ. އެކަމަކު، މި ޗެޓްބޮޑު އަދި އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނިފައިނުވާ ކަމަށް ވެސް ބްލޫމްބާގުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނިން އަންނަނީ ސިރީ، މެސެޖްސް އަދި އެޕަލް މިއުޒިކަށް އޭއައި އިންޓަގްރޭޓް ކުރަން މަސައްކަތް ކުރަމުންނެވެ.
އެޕަލްއިން އޭއައި ބޭނުންކޮށްގެން ސްޕޮޓިފައިއިން އޯޕަންއޭއައިއާ ގުޅިގެން ކުރާ ފަދަ އޮޓޯ ޖެނެރޭޓެޑް ޕްލޭލިސްޓްތައް އުފައްދާނެއެވެ. އަދި، އެޕް ޑިވެލޮޕަރުންނަށް އެހީވުމަށް އެކްސްކޯޑްގައި އޭއައި ބޭނުން ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ބްލޫމްބާގް ރިޕޯޓުގައިވެއެވެ.
މި ވާހަކަތަކާ ގުޅޭގޮތުން އެޕަލްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.