ނިޔަމް އުނދަގޫގޮތަކަށް ހިންދިރުވައިލިއެވެ. ހަގީގަތަކީ، ޔާމީންގެ ވޮލެޓުން އޭނާގެ މަންމަގެ ތަސްވީރު ފެނުނު ވަގުތުން ފެށިގެން ނިޔަމްގެ ހިތުގައި އޭނާގެ ބައްޕައާއިމެދު ޝައްކު އުފެދިފައިވާ ކަމެވެ. އެކަމަކު އެއީ ހަގީގަތަކަށްވާން އޭނާ ބޭނުން ނުވީއެވެ.

********

ޔާމީނަށް އޭނާ ގަދަރުކުރިއެވެ. އިހުތިރާމު ކުރިއެވެ. އެހެނަސް މިއަދު ޔާމީނާއި ކުރިމަތިލާންވެސް އޭނާއަށް އުނދަގުލެވެ. މަންމައަށް ވީގޮތުން ނިޔަމް އަބަދުވެސް އޭނާގެ ބައްޕައަށް ނަފުރަތުކުރިއެވެ. ދުވަހަކުވެސް އެމީހަކަށް ހިތްހެޔޮނުކުރާން އޭނާ އަޒުމުކަނޑައެޅިވެސްމެއެވެ.

"ޔެސް، ޔޭސް... މިހާރު އެނގިއްޖެ..." ނިޔަމްގެ ކޮޓަރިތެރޭގައި ހިނގަހިނގާ ހުރި އަރުޝާ ކުއްލިއަކަށް ހުއްޓުނެވެ. ފަސްއެނބުރުނެވެ. ދާވިއަން ނިންދަވާފައި ތެދުވި ނިޔަމް ހުރީ އަރުޝާގެ ގައިގައި ކިރިޔާ ޖެހޭނުޖެހޭހައި ކައިރީގައެވެ. ނިޔަމް ދިޔައީ ސިއްސައިގެންނެވެ.

"އަރޫ ކުރާ ކަންތައް... ކިރިޔާ ބިރުން ހަޅޭއްލަވައިނުގަނެވުނީ... ހީކުރީ ކުރަތްޕެއް ފެނުނީކަމަށޭ..." ނިޔަމް ކުދިކިޔަމުން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ. ނިޔަމް ފާހާނާއިން ނުކުތްއިރު، އަރުޝާ ހުރީ ދޮރުމަތީގައެވެ. ކުރިއަށްވުރެ ބޮޑަށް ނިޔަމް ސިހުނެވެ.

"އަރޫ..." އަރުޝާ ދުރުކޮށްލުމަށްފަހު ނިޔަމް އެނދާއި ދިމާއަށް ހިނގައިގަތެވެ. "ކިހިނެއްވެގެން އުޅޭ ރެއެއްތަ؟..."

"އެނގިއްޖެ ކީއްވެކަން ދައްތަ ޔަމްދެކެ އެހާ ރުޅި އަންނަނީ..." އެ ހުރިހާއިރު ވިސްނަން ހުރި ކަންތަކުގެ ވާހަކަ އަރުޝާ ހިއްސާކުރިއެވެ. "ރީޒަންއަކީ ޔަމް... މިބުނީ ޔަމް ތީ އޭނަގެ ފިރިމީހާގެ ދަރިއަކަށް ވީމައޭ..."

ނިޔަމް އިރުކޮޅަކު އެއްޗެއް ނުބުނެ ވިސްނައިލިއެވެ. ހަގީގަތަކީ އެއީކަން އޭނާއަށްވެސް އެނގެއެވެ.

"އަހަރެން ބޭނުމެއް ނޫން އޭނަގެ އެކައްޗެއްވެސް..." ނިޔަމްގެ މޫނުން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

"އޭނަ؟.. ޔަމްގެ ބައްޕަތަ؟..." އަރުޝާ އަހައިލިއެވެ. "ބައްޕަކަން އެނގޭއިރު، ކީއްވެ ތިހާ ދުރުކޮށްލާފަ ވާހަކަ ދައްކަނީ؟... މިހާރު ދެން އެއީ ޔަމްގެ ބައްޕަ ކަން ޔަގީންވާ ވަރަށް ހެކި އެއޮތީ ފެންނާކަށްނު..."

"އަހަރެންގެ ބައްޕައެއް ނުހުންނާނެ... އުފަންދުވަހުގެ ސެޓްފިކެޓްގަ ބައްޕަގެ ނަމާ ދިމާލުގަ އޮންނާނީ ރޮނގުކޮޅެއް..." ނިޔަމްގެ އަޑުގައިވީ ރިހުމެވެ. އެހެނަސް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. "ބައްޕައެއް ހުރިނަމަ، އަހަރެންގެ މަންމަ އެކަނި ހާލަށް މަރަށް ތެޅުނުއިރު..."

ނިޔަމްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. މާޒީގެ ހިތްދަތި އިހުސާސްތަކުން ނިޔަމްގެ ދެލޯ އިސާހިތަކު ކަރުނުން ފުރާލިއެވެ. ބައްޕަ ނެތުމުގެ ވޭނީ އިހުސާސް އޭނާއަށް ކުރެވިފައިވީ އެންމެ ގޮތަކުން ނޫނެވެ. އެހެންމީހުންގެ މަލާމާތާއި ފުރައްސާރަ އިންތިހާއަށް ކުރިމަތިވިއެވެ. ދަރިއަކު ވަކިވުމުގެ ހިތާމައިން އަރައިގަތުމަށް މަސައްކަތްކުރަމުންދިޔަ މުސްކުޅި މާމަ ނިޔަމްގެ ކަންކަން ބެލެހެއްޓުމަށް އެކަނިމާއެކަނި އުފުލި ވޭން، ނިޔަމްގެ ހިތުން ފިލުވާލާނީ ކިހިނެއް ހެއްޔެވެ؟

"ޔަމް!... ސޮރީ..." އަރުޝާ ދެރަވިއެވެ. "އަހަންނަށް އިހުސާސްވެސްނުވޭ ޔަމް އުޅޭނެ ހާލު..."

"މަންމައަށް ނެތް ލޯތްބެއް ދަރިއަކަށް ހުންނާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން..." ކަރުނަ ފޮހެލަމުން ނިޔަމް ބުންޏެވެ.

ނިޔަމްގެ ކޮޓަރި ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދޮރު ކައިރީގައި ހުރި ޔާމީނަށް ނިޔަމްގެ ވާހަކަތައް އަޑު އިވުނެވެ. އޭނާ ހުރީ މޭގައި އަތް ޖައްސާލައިގެންނެވެ. އަމިއްލަ ދަރިފުޅު އޭނާ ދުރުކޮށްލި ވަރުން ހިތް ކުދިކުދިވިއެވެ. މިއަދު އޭނާއަކީ ކުށްވެރިއެކެވެ. ހަމައެކަނި ނިޔަމްގެއެއް ނޫނެވެ. އެތައް ބައެއްގެއެވެ. އެކަކާއިވެސް ކުރިމަތިލާނެ ހިތްވަރެއް މިއަދު ޔާމީނުގެ ގަޔަކު ނެތެވެ.

މާޒީގެ ހަނދާންތަކުން ޔާމީންގެ ހިތް ތޮރުފަން ފެށިއެވެ. ޔާމީނަށް ސިފާނާ ފެނުނީ، އާއިލީ ދަތުރެއްގައި އެ ރަށަށް ގޮސް އުޅެނިކޮށެވެ. ސިފާނާއަކީ ރީތި އަންހެނެކެވެ. ދެމީހުންގެ ގުޅުން ރަނގަޅުވެ، ކައިވެނީގެ އަހުދުތައް ވެވުނެވެ. އެހެނަސް، ކަންތައްވީ ޔާމީން އުއްމީދުކުރި ގޮތަކަށް ނޫނެވެ. ކައިވެނީގެ ހުރިހާކަމެއް ތައްޔާރުވެ ނިމިފައިވަނިކޮށް، ސިފާނާ ބަނޑުބޮޑުކަން ފަޅާއެރިއެވެ. އެކަން އެނގުނީ ނުޒުހަތުގެ ފަރާތުންނެވެ. ޔާމީން ގަބޫލުކުރީ އެއީ އޭނާގެ ދަރިއެއްގެ ގޮތުގައެވެ. އެދަރިފުޅު އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަށް އޭނާ ހުރީ ތައްޔާރަށެވެ.

ފަރުދާގެ ފުރަގަހުގައި ހިނގައިފައިވާ ހިތި ހަގީގަތް އެނގުނު ވަގުތު ޔާމީނުގެ މުޅި ދިރިއުޅުން ފުނޑުފުނޑުކޮށްލިއެވެ. އޭނާ ވީ ލޯބީގެ ބަދަލުގައި ސިފާނާގެ ފަރާތުން ލިބުނީ ދުވަހަކުވެސް އުއްމީދުނުކުރާވަރުގެ ކެއްސެކެވެ. އަލަތު ލޯތްބަށްޓަކައި އަމިއްލަ އާއިލާ ގުރުބާންކުރަން ތައްޔާރަށް ހުރި ޔާމީނުގެ މުޅި ދުނިޔެ އަނދިރިވިއެވެ. ލިބުނު އެންމެ ހަބަރަކުންނެވެ. ހަގީގަތް އެނގުނުއިރު، ސިފާނާ ވީ ބޭވަފާތެރިއަކަށެވެ. ސިފާނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައަކީ ކާކުކަން ބުނެދޭކަށް ސިފާނާއަކަށްވެސް ނޭނގުނެވެ.

އައިސްފައިވާ ރުޅިއާއި ލިބުނު ހިތާމައިގައި ޔާމީނަށް ބުރަވެވުނީ އެހެންމީހުންގެ ކޮޅަށެވެ. އިވުނީ، ސިފާނާގެ އަޑެވެ. އެ ދެލޮލުން ފެނުނު ރިހުމާއި ކެކުޅުން ވީ ކަފުންވެފައެވެ. އެދުވަހު ޔާމީން އެންމެ ފަހަރަކުވެސް ސިފާނާގެ ދެލޮލަށް ބަލައިލިނަމަ، އޭނާގެ މަޖުބޫރީ އެނގުނީހެވެ. އެތައް ދުވަހަކު ވީ ލޯބި އެންމެ ދުވަހަކުން ފުނޑުފުނޑުވީއެވެ. ޔާމީނަށް ވެވުނީ އަގެއް ނެތް ލޯތްބެކެވެ. އޭނާ ހީކުރީ ސިފާނާއަކީ ތެދުވެރި އަހުލާގު ރަނގަޅު މީހެއް ކަމަށެވެ. އެކަމަކު، އެންމެ ބަހަކުން އެ އިތުބާރުވެސް ގެއްލުނީއެވެ.

ހަގީގަތް އެނގުމުން، ޔާމީންގެ އާއިލާއިން ކައިވެންޏާއި ދެކޮޅުހެދިއެވެ. ޔާމީނަށް ލިބުނު ހިތާމައިން އަރައިގަންނަން އެހީވީ ނުޒުހަތެވެ. ޔާމީނުގެ އާއިލާގެ ނަޒަރު ނުޒުހަތަށް ހުއްޓުނީ އޭނާގެ ހިތްހެޔޮކަމާއި މަޖާ މިޒާޖުގެ ސަބަބުންނެވެ. އެކަމަކު އެއީ ދެއްކުންތެރިކަމެވެ. ޔާމީންގެ މުޅި ދިރިއުޅުން ހަލާކުވެ، ލޯބިވެރިޔާއާއި އަލަތު ދަރިފުޅާއި ވަކިވާންޖެހުނީ ނުޒުހަތުގެ ރޭވުންތެރިކަން މޮޅުކަމުންނެވެ. އެ ހުރިހާ ކަމަކީ، އެހެން މީހުންގެ ލޮލުގައި އޭނާ އެޅުވި އަނދުނެކެވެ. އޭރު ނުޒުހަތު ދެއްކި ވާހަކަތަކާއި ކަންތައް ހިނގިގޮތް ވިސްނައިލުމުން، ނުޒުހަތު ކުޅިބައި އެތުރިލެއް ފުރިހަމަކަން ޔާމީނަށް ވިސްނުނެވެ. ޔާމީނަށް ނުވިސްނުނީ އެންމެ ކަމެކެވެ. ބަނޑުގައި އޮތީ ޔާމީނުގެ ދަރިއެއްކަން އެނގިހުރެ، ސިފާނާ އެކަން ފޮރުވީ ކީއްވެ ހެއްޔެވެ؟ މީހެއްގެ ބަހަށް އަމިއްލަ ބޮލުގައި ބަދުނާމު އެޅުވީ ކީއްވެ ހެއްޔެވެ؟ ހުރިހާ އުފާތަކުން މަހުރޫމުވެ، ލޯބިވެރިޔާއާއި ދުރަށް ދިޔުމުގެ މަގު ހިޔާރުކުރީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ސިފާނާ އަމިއްލައަށް ލިބިގަތް އަނިޔާއެކެވެ. އެއީ ސިފާނާ ބޭނުންވި ގޮތެވެ.

ޔާމީނަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ. ކުރިން ހަގީގަތް އެނގުނުނަމަ، ކޮންމެފަދަ ގޮންޖެހުމަކާއި ކުރިމަތިލައިފައިވެސް ސިފާނާ އެއީ އޭނާގެ މީހަކަށް ހެދީހެވެ. އެކަމަކު، ވަގުތު ފާއިތުވެއްޖެއެވެ. އެދުވަހު އޭނާ ސިފާނާއަށް އިތުބާރުކުރިނަމަ، މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. އެންމެ ފަހަރަކުވެސް ހަގީގަތް ބަލާލިނަމަ، ސިފާނާ ދޮގު ހެދީ މަޖުބޫރުވެގެންކަން އެނގުނީހެވެ. އެދުވަހުވެސް މިއަދުވެސް ކުށްވެރިއަކީ ޔާމީނެވެ.

********

ފޯނަށް ބަލަހައްޓައިގެން ޒައިލް އިނީ ކާރުގައެވެ. ހެނދުނުގެ ހިތްގައިމު ވަގުތުގައި މަގުގައި ދުއްވާ އެއްޗެހިވެސް މަދެވެ. ކަސްރަތަށް ދުވާ ދެތިން މީހަކު ފިޔަވައި އެހިސާބުން މީހަކުވެސް ނުފެނެއެވެ. ޒައިލް ދޭތެރެއަކުން ކުރިމަތީގައި ހުރި ގޭގެ ކުޑަދޮރާއި ދިމާއަށް ބަލައިލައެވެ. އޭނާ ދެކިލަން ބޭނުންވީ އެންމެ ސޫރައެކެވެ. ނިޔަމްއެވެ. ހޮސްޕިޓަލުން ދޫކޮށްލީއްސުރެ ނިޔަމްގެ ހަބަރެއް ނުވާތީ ޒައިލްގެ ހިތަށް އުނދަގޫވަނީއެވެ. ނިޔަމްއަށް ގުޅަން ނުކެރިގެން އޭނާ ދެތިން މެސެޖުވެސް ފޮނުވައިލިއެވެ. ހަބަރެއް ނުވިއެވެ. ނިޔަމް ފަތިސްނަމާދު ކުރަން ތެދުވާނެކަން ޒައިލްއަށް އެނގެއެވެ.

ކާރުގެ ބިއްލޫރިގަނޑުގައި މީހަކު ޓަކި ޖަހައިލި އަޑަށް ޒައިލް ކުޑަކޮށް ސިހުނެވެ. ކުޑަކޮށް ގުދުވެލައިގެން ނިޔަމް އޮތެވެ. ނިޔަމްގެ އަތުގައި ހިފާލައިގެން ހުރީ ދާވިއަންއެވެ. އެހާ ހެނދުނާ ނިޔަމް ތައްޔާރުވެލައިގެން ބޭރުގައި ހުރުމުން ޒައިލް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ.

"ޏަމްޏަމް..." ޒައިލް އަވަސްއަވަހަށް ކާރުން ނުކުތެވެ. "އެކަނިތަ ތިއުޅެނީ؟... އަހަނ... ޑެޑީގެ ޕޮލިސް މިހުރީ ނިދިފައެއްނު...."

ދާވިއަން އާފުރެނީއެވެ. އެކުއްޖާގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމާއި، ނިދީގެ އަސަރެވެ. ނިޔަމް އެކުއްޖާ ނަގައިގެން ގެނައީ ނިދާފައި އޮއްވައެވެ.

"ދާން ނިދަން ބޭނުން ޑެޑީ..." ދާވިއަން ޒައިލްގެ ކަނދުރާގައި އެލިގަތެވެ. ޒައިލް ދާވިއަން އުރާލުމުން އެކުއްޖާ ޒައިލްގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

ނިޔަމްގެ ކައިރީގައި ހުރި ފޮށި ޒައިލްއަށް ފެނުނީ ދެނެވެ. ޒައިލް ހައިރާންވެފައި ނިޔަމްގެ މޫނަށް ބަލައިލިއެވެ. ނިޔަމްގެ މޫނުން މާބޮޑު އަސަރެއް ނުފެނުނެވެ. އެހެނަސް، އެ ދެލޮލުން ވޭނީ ރިހުމެއްގެ އަސަރު ފެނުނެވެ. ޔާމީނަކީ ކާކުކަން އެނގުމުން އެގޭގައި މަޑުކުރަން ނިޔަމް ބޭނުން ނުވީއެވެ. އޭނާގެ މަންމައަށް އިހާނެތިގޮތަކަށް ކަންތައްކުރި މީހެއްގެ ގޭގައި އެންމެ ހިދުކޮޅަކުވެސް އޭނާއަށް ހަމަޖެހިގެން ނޭވާއެއް ނުލެވޭނެއެވެ. ނިޔަމް އެގޭގައި މަޑުކުރީ ޔާމީން ނިދަންދެނެވެ. ފޮށްޓަށް އެއްޗެހި އަޅައިގެން ނުކުތްނަމަވެސް، އެހާ ހެނދުނާ ހުންނާނެ ތަނެއް ހޯދުންވީ އުނދަގޫ ކަމަކަށެވެ. ނިޔަމް ކުރިން ހުރީ ޔާމީން ދީފައި ހުރި ގެއެއްގައެވެ. އެތަނަށް ދާކަށްވެސް ނިޔަމް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މުޅި އުމުރަށް ޔާމީންގެ ދިރިއުޅުމުން ދުރަށްދާށެވެ.

"ޒައިލްގެ ގޭގަ އަހަރެމެންނަށް ހުރެވިދާނެތަ؟..." ދެފިކުރެއްގައި ހުރެފައި ނިޔަމް އަހައިލިއެވެ. "ދެ ދުވަހެއްވަރު ވަންދެން..."

ޒައިލްގެ ހިތް އުފަލުން ނަށައިގަތެވެ. ދެ ދުވަހެއް ކީއްކުރަން، މުޅި އުމުރުވެސް އޭނާގެ ގޭގައި އެމީހުންނަށް އުޅެވޭނެއެވެ. ޒައިލް ބޭނުންވަނީވެސް އެގޮތެވެ. އިތުރު ސުވާލެއް ކުރުމެއްނެތި، އޭނާ ނިޔަމްގެ ފޮށި ޑިކީއަށް އަރުވާފައި ކާރުގެ ދޮރު ހުޅުވާލަދިނެވެ. ނިޔަމް ކާރަށް އެރުމުން ނިދިފައި އޮތް ދާވިއަން ނިޔަމްގެ އުނގުގައި ބާއްވައިލިއެވެ.

ޒައިލްގެ އެޕާޓްމަންޓް ކުރިމަތީގައި ހުއްޓުނު ނިޔަމްއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިޔައެވެ. މާޒީގެ އެތައް އުފާވެރިކަމަކާއި ގުޅިފައިވާ އެ ގޭގެ ކޮންމެ ކަމެއް މިއަދުވެސް އޭނާގެ ހަނދާނުގައި ތާޒާކަންމަތީގައި ހުއްޓެވެ. ދެމީހުންގެ ކައިވެންޏަށްފަހު، ނިޔަމްއާއި ޒައިލް ދިރިއުޅުނީ އެގޭގައެވެ. ޒައިލް ޕާސްވޯޑުޖެހީ ނިޔަމްއަށް ފެންނަގޮތަށެވެ. އަދިވެސް އެ ޕާސްވޯޑު ބަދަލުނުވާކަން ނިޔަމްއަށް އެންގުމުގެ ގޮތުންނެވެ.

ދޮރު ހުޅުވުނެވެ. ގޭތެރެއިން ފެނުނީ ފަޅުކަމެވެ. ޒައިލް ލާންގެންގުޅޭ ބައެއް އަންނައުނުތައް ސިޓިންގްރޫމު ސޯފާގެ މަތީގައި ހުއްޓެވެ. ޒައިލް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އަންނައުނުތައް ނެގިއެވެ. އޭރުވެސް ދާވިއަން އޮތީ ޒައިލްގެ ކޮނޑުމަތީގައި އަރާމުކޮށް ނިދާލާފައެވެ.

"އެކަނި އުޅޭތީ... މަޑުކުރައްޗޭ..." ނިޔަމްގެ ކައިރީގައި މަޑުކުރުމަށް އެދިފައި ޒައިލް ގޮސް ކޮޓަރިއަށް ވަނެވެ.

ދާވިއަން ބޭއްވުމުގެ ކުރިން އޭނާއަށް ޖެހުނީ އެނދުގެ ބެޑުސީޓު ރަނގަޅުކޮށްލާށެވެ. ދާވިއަން އެނދުގައި ބާއްވާފައި ޒައިލް އެނބުރުނުއިރު، ނިޔަމް ހުރީ އޭނާއާއި ދާދި ގާތުގައެވެ. އެކަކު އަނެކެއްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ޒައިލްއަށް ވިސްނައިލާނޭ ފުރުސަތެއްވެސް ނުލިބުނެވެ. ނިޔަމް އޭނާގެ ގައިގައި ބައްދައިލިއެވެ.

(ނުނިމޭ)