24 Oct 2023, 14:09
ޑަޗް އެރެޑިވިސީގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމް ކަމަށްވާ އަޔެކްސް އެމްސްޓަޑަމްގެ ކޯޗް ކަމުން މައުރީސް ސްޓެއިން ވަކިވެއްޖެއެވެ.
މައުލޫމާތުލިބޭގޮތުގައި އޭނާ މަގާމުން ވަކިވެފައިވަނީ ކްލަބާ ދެމެދު އެއްބަސްވުމަކަށް އައުމަށްފަހުއެވެ. މައުރީސް މަގާމުން ވަކިވެފައިމިވަނީ އަޔެކްސްގެ ކޯޗް ކަމާއި ހަވާލުވިތާ ހަތަރު މަސް ފަހުންނެވެ.
އުމުރުން 49 އަހަރުގެ މައުރީސް އަޔެކްސްއާ ގުޅިފައިވަނީ މި އަހަރުގެ ޖޫން މަހު ސްޕާޓާ ރޮޓަޑަމްގެ ކޯޗްކަމުގެ މަގާމްގައި ހުރެފައި ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މިސީޒަންގައި އޭނާގެ ކޯޗްކަމުގެ ދަށުން އަޔެކްސްއަށް ހޯދެމުންދާ ދަށް ނަތީޖާގެ ސަބަބުން ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުމާއި އޭނާއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ތިރީސް ހަ ފަހަރު ޑަޗް ޗެމްޕިއަންކަން ހޯދާފައިވާ އަޔެކްސް މިފަހަރު އުޅެނީ ތާވަލްގެ ފަހަތުން ދެވަނައިގައެވެ. އެއީ އެންމެފަހުން ކުޅުނު ހަތް މެޗްގެ ތެރެއިން އެންމެ މެޗަކުން މޮޅުވެގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި މައުރީސް އަޔެކްސް ދޫކޮށްލުމަށް އެއްބަސްވެވިފައިވަނީ ހޯމަ ދުވަހު ދެފަހަރެއްގެ މަތިން އޭނާ އާއި ކްލަބްގެ ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަކަށް ފަހުއެވެ.
މައުރީސް ވަކިވުމާއެކު ވަގުތީ ގޮތުން އަޔެކްސްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެސިސްޓަންޓް ކޯޗް ހެޑްވިޖެސް މަރޫޑޯއެވެ. މައުރީސްގެ ކޯޗް ކަމުގެ ދަށުން އަޔެކްސް ކުޅުނު 11 މެޗްގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެމެޗުންނެވެ.
އަޔެކްސްގެ ޗީފް އެގްޒެކެޓިވް ޔާން ވެން ހަލްސްޓް ހާމަކުރިގޮތުގައި މައުރީސް އާއި މުޅި ކްލަބް އެކުގައި މިދިޔަ ހަތަރު މަހެއްހާ ދުވަހު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާކަމަށާއި ނަމަވެސް ޓީމްގެ ނަތީޖާއިން އެކަން ދެއްކިފާ ނުވަނީކަމަށެވެ. އެހެންކަމުން ދެފަރާތުން ވާހަކަ ދައްކާފައި މިވަގުތަށް ކްލަބަށް އެންމެ ރަނގަޅު ގޮތް ކަނޑައެޅީކަމަށެވެ.