24 Oct 2023, 13:49
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި އަފްޣާނިސްތާނުން ޕާކިސްތާންގެ މައްޗަށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ޗެއްނާއީގައި ކުޅުނު މި މެޗް އަފްޣާނިސްތާނުން ކާމިޔާބު ކޮށްފައިވަނީ އަށް ވިކެޓުންނެވެ. މިއީ އެއް ދުވަހުގެ ކްރިކެޓް މެޗެއްގައި އަފްޣާނިސްތާނަށް ޕާކިސްތާން ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
މި މެޗްގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 282 ލަނޑެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޓީމް ތަކުން ހަދާފައިވާ ލަނޑުގެ އަދަދަށް ބަލާއިރު ރަނގަޅު އަދެދެކެވެ.
ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 74 ލަނޑު ހަދާދިން ކެޕްޓަން ބާބަރު އަޒާމްއެވެ. މީގެ އިތުރުން އަބްދުﷲ ޝަފީގް 58 ލަނޑު ހަދާދިން އިރު އިފްތިކާރު އަހްމަދާއި ޝަދާބް ހާންއިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ 40 ލަނޑު ހަދާފައެވެ. މިއީނިންގްސްގައި އަފްޣާނިސްތާން ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 49 ލަނޑަށް ތިން ވިކެޓް ނަގާދިން ޒުވާން އުކުންތެރިޔާ ނޫރު އަހްމަދުއެވެ.
ޖަވާބުގައި އަފްޣާނިސްތާނުން ކުޅެން އަރާ 49 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 286 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. އަފްޣާނިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 87 ލަނޑު ހަދާދިން އިބްރާހީމް ޒަދްރާންއެވެ. އަދި ރަހްމަތު ޝާހްވަނީ ނުބައިނުވެ 77 ލަނޑު ހަދާދީފައެވެ. މީގެއިތުރުން ރަހްމަތުﷲ ގުރްބާޒް 65 ލަނޑު ހަދާދިން އިރު ކެޕްޓަން ހަޝްމަތުﷲ ޝާހިދުވަނީ 48 ލަނޑު ހަދާދީފައެވެ. މި އީނިންގްސްގައި ޕާކިސްތާންއިން ކާމިޔާބުކުރި ދެވިކެޓް ނަގާދިނީ ޝާހީން އަފްރީދީ އާއި ހަސަން އަލީއެވެ.
މި ކާމިޔާބީއާއެކު އަފްޣާނިސްތާން މިހާރު މިވަނީ ފަސް މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕާކިސްތާން އުޅެނީ ރަން ރޭޓަށް ބަލާއިރު ފަސް ވަނައިގައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް އޮތީ 10 ޓީމް ހިމެނޭ މިތާވަލްގެ އެންމެ ފުލުގައެވެ.