މިއަހަރު ނައިޓް މާކެޓްގައި ބައިވެރިކުރާ މޭޒުގެ އަދަދު މަދުވާނެ ކަމަށް ވިޔަފާރިވެރިން ގެ ގައުމީ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ޖުލައި އެއްވަނަ ދުވަހު ފަށާ ނައިޓް މާކެޓްގައި ކުރީ އަހަރަށް ވުރެ 50 މޭޒު މަދުވާނެ ކަމަށެވެ. މިއަހަރު މޭޒުގެ އަދަދު މަދުވީ ބާޒާރު ބާއްވަން ޖާގަ ދިން އިރު ދަރުބާރުގޭ ކުރިމަތިން ޖާގައެއް ނުލިބުމުން ކަމަށް ވެސް އާސިފު ވިދާޅުވި އެވެ.

"މިދިޔަ އަހަރާ ހިލާފަށް މިއަހަރު އަޅުގަނޑުމެނަށް ދަރުބާރުގޭގެ ކުރިމަތިން އޮންނަ ހިސާބު ނުލިބުމުން މި މައްސަލަ ދިމާވީ [ގާތްގަނޑަކަށް] 50 ވަރަކަށް މޭޒު މި އަހަރު މަދުވާނެ" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނައިޓް މާކެޓުގައި ބެހެއްޓީ 450 މޭޒެވެ. އާސިފު ވިދާޅުވީ ނައިޓް މާކެޓްގައި މިއަހަރު ބައިވެރި ކުރާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 400 ވަރަކަށް މޭޒް ކަމަށެވެ. މޭޒުގެ އަދަދު މަދުވިޔަސް މަގުމަތީ ބާޒާރުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނައިޓް މާކެޓްގައި މޭޒެއް ވިއްކީ 3750ރ. އަށެވެ. މިއަހަރު މޭޒެއް ވިއްކަނީ 3350ރ. އަށެވެ. އެއީ މިދިއަ އަހަރާ އަޅާ ބަލާއިރު 400ރ. ގެ އަގުހެޔޮ ވުމެކެވެ.

ވިޔަފާރިވެރިން ޖަމިއްޔާއިން ބުނީ ވިޔަފާރިވެރިން މޭޒަށް އެދިފައިވާ ތަރުތީބުން މޭޒުތައް ދޫކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓް ވިޔަފާރިވެރިން މޭޒަށް ފައިސާ ވެސް ދައްކާފައިވާ ކަމަށެވެ.

މިއަހަރު ނައިޓް މާކެޓް ބާއްވަން މާލޭ ސިޓީ ކައުންސިލުން ހުއްދަ ދިނުން ލަސްވުމުން ބޮޑެތި ދަތިތަކަކާ ކުރިމަތިވި ކަމަށް ޖަމިއްޔާއިން ބުނެ އެވެ. މިފަހަރުގެ ނައިޓް މާކެޓް ބާއްވަން ސިޓީ ކައުންސިލުން ހުއްދަދީފައިވަނީ އެ ހުއްދަ ނުލިބިގެން ނައިޓް މާކެޓް ބޭއްވޭނެ ކަމާމެދު ސުވާލު އުފައްދާފައި ވަނިކޮށް މިދިއަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.

މިނިވަން ދުވަހުގެ އުފަލާ ގުޅުވައިގެން ރާއްޖޭގައި ކުރިންސުރެ ބާއްވަމުން އަންނަ ނައިޓް މާކެޓަކީ "އުނގުޅޭ ބާޒާރު" ގެ ނަމުގައި މަޝްހޫރުވެފައި އޮންނަ އަދި ފަހަކަށް އައިސް ރާއްޖެއިން ބޭރުން ވެސް އެ ބާޒާރަށް ގިނަ ބަޔަކު ސަމާލުކަން ދޭ ބާޒާރަކަށް އޮންނަނީ ވެފަ އެވެ.