ފުޓްބޯޅައިގެ ދުނިޔޭގައި ދެވޭ އެންމެ ފާހަގަ ކޮށްލެވޭ އިނާމްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރާ ބެލޮން ޑި އޯ އިނާމް މިފަހަރުވެސް ލިގެންދާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކަމަށް އާޖެންޓީނާގައި ކުޅިވަރުގެ ހަބަރުތަށް ގެނެސްދޭ ނޫހެއްކަމަށްވާ ޑޯބްލް އަމަރިޔާއިން ހާމަކޮށްފައިވާކަމަށް އިޓަލީވިލާތުގެ ސްޕޯޓްސް ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ ހާމަކޮށްފިއެވެ.

ޑޮބްލް އަމަރިޔާ އާއި ހަވާލާދީ ރޮމާނޯ ހާމަކުރާގޮތުގައި މެސީ އާއި އޭނާ ކުޅޭ ކްލަބް އިންޓާ މައޭމީއިން މިހާރުވަނީ އިނާމް ދިނުމުގެ ހަފްލާގައި ބައިވެރިވުމަށް ޕެރިހަށް ދިއުމަށް ފްލައިޓްވެސް ބުކް ކޮށްފައެވެ. އަދި ބެލޮން ޑިއޯ އަށް ވަނަ ފަހަރަށް މެސީއަށް ދިނުމަށްޓަކައި ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާކަމަށްވެސް އާޖެންޓީނާގެ ނޫހާއި ހަވާލާދީ ރޮމާނޯ ހާމަކޮށްފައިވެއެވެ.

ބެލޮން ޑި އޯގެ އިނާމް މިފަހަރު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ޕެރިހުގައެވެ. މި އިނާމަކީ ފަރަންސޭސިވިލާތުގެ މެގަޒިން އެއް ކަމަށްވާ ފްރާންސް ފުޓްބޯލްއިން އިންތިޒާމް ކޮށްގެން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެމުން އަންނަ އިނާމެކެވެ. އަދި މިއީ ބުޓްބޯޅައިގައި ކުޅުންތެރިންނަށް ދެވޭ އެންމެ ފާހަގަ ކޮންލެވޭ އިނާމްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިގެން ގޮސްފައެވެ.

މި ފަހަރު މި އިނާމަށް އެންމެ ބޮޑަށް ވާދަކުރަމުންދާކަމަށް ފާހަގަ ކުރެވިފައިވަނީ ހަތް ފަހަރު މި އިނާމް ކާމިޔާބުކޮށްފައިވާ މެސީ އާއި މެންޗެސްޓާ ސިޓީއަށް ތިން ތަށި ހޯދާ ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޒުވާން ފޯވަޑް ނޯވޭގެ އާލިން ހާލަންޑްއެވެ. މިކަން އިންތިޒާމް ކުރާ ފަރާތުން ވަނީ މިއިނާމަށް ނޮމިނޭޓް ވެފައިވާ 30 ކުޅުންތެރިންގެ ނަން އާންމު ކޮށްފައެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ޔުއޭފާ ޗެމްޕިއަންސް ލިގުގެ ތަށި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި އުފުލާލި މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނެވެ. މިގޮތުން ސިޓީގެ އަށް ކުޅުންތެރިން މިލިސްޓްގައި ހިމެނިފައިވެއެވެ.

މި ލިސްޓްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޔޫރަޕުން ބޭރުގެ ލީގެއްގައި މިވަގުތު ކުޅޭ ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މެސީ އާއި އަލް ހިލާލް އަށް ކުޅެމުންދާ މޮރޮކޯގެ ކީޕާ ޔަސީން ބޯނޯއެވެ. މިފަހަރު މި އިނާމް މެސީއަށް ލިބިގެން ގޮސްފި ނަމަ އެވެގެންދާނީ ޔޫރަޕުން ބޭރުގެ ކްލަބަށް ކުޅެމުންދާ ކުޅުންތެރިޔަކަށް މި އިނާމް ލިބިގެންދާ ފުރަތަމަ ފަހަރަށެވެ.