24 Oct 2023, 11:41
އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ފުލަމް ބައްދަލުކުރި މެޗް ސްޕާސްއިން ކާމިޔާބުކޮށް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބު ކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިން ނެވެ. އަދި މިމެޗް ސްޕާސްއިން ފަށާފައިވަނީވެސް ވަރަށް ފޯރީގައެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ހަމަލާތަކެއް ފުރަތަމަ ހާފްގައި ސްޕާސްއިން އުފައްދާފައިވެއެވެ.
މިގޮތުން މެޗްގެ 36 ވަނަ މިނެޓްގައި ފުލަމްގެ ޗެލްވިން ބަސީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސްޕާސްއިން އުފެއްދި ހަމަލާއެއްގައި އެޓީމުން ވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. މިއީ މިފަހަރު ލީގުގައި އޭނާ ކާމިޔާބު ކުރި 7 ވަނަ ލަނޑެވެ.
މި މެޗްގައި ސްޕާސްގެ ދެވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ޖޭމްސް މެޑިސަންއެވެ. މި ސީޒަންގައި ސްޕާސް އާއި ގުޅުނު މެޑިސަން އަންނަނީ އެޓީމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިއީ އޭނާ ސްޕާސްގެ ދަނޑުގައި އަމިއްލަ ކުޅިބެލުންތެރިން ކުރިމަތީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މެޗްގައި ފުލަމްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު އެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެ.
މިސީޒަންގައި ސްޕާސްގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ ފޯވަޑް ހެރީ ކޭން އެ ޓީމް ދޫކޮށް ގޮސްފައިވީ ނަމަވެސް އެ ޓީމުގެ ފެށުން މިދަނީ ވަރަށް ރަނގަޅުކޮށެވެ. އަދި މިކަމުގެ ފަހަތުގައިވަނީ އެ ޓީމާ މިސީޒަންގައި ހަވާލުވި އާ ކޯޗް އެންގަ ޕޮސްތެކޮގްލޫ ކަމުގައި ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. ހަމައެއާއެކު ކޭން ނެތް ތަން ވަރަށް ފުރިހަމައަށް ސޮން އަންނަނީ ފުރަމުންނެވެ. އަދި މެޑިސަން އެ ޓީމަށް ގުޅުން ވެފައިވަނީ ޓީމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމަކަށެވެ.
މެޑިސަން މިހާރު އަންނަނީ ކުރިން އެ ޓީމްގައި ޑެލީ އަލީ ކުޅެމުންދިޔަ ފަދަ މުހިންމު ދައުރެއް މެދުތެރެއިން ކުޅެމުން ދައްކަމުންނެވެ.
މި ކާމިޔާބީއާއެކު ސްޕާސް މިހާރު މިވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި މި ސީޒަންގައި މިހާރު ލީގުގައި މެޗަކުން ބަލިނުވެ އޮތް ދެ ޓީމްގެ ތެރޭގައި އާސެނަލް އާއެކު ހިމެނެނީ ސްޕާސްއެވެ. މި މެޗުން ބަލިވުމާއެކު ފުލަމް އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.