ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާން އާއި ލަވަކިޔުންތެރިޔާ އަރިޖިތު ސިންގާއާ ދެމެދު 2014 ވަނަ އަހަރު ޖެހުނު މައްސަލަ އަށްފަހު ސަލްމާންގެ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އަރިޖިތުއަށް ލިބިއްޖެއެވެ.

ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރާ ސަލްމާންގެ ފިލްމު "ޓައިގާ3"ގެ ފުރަތަމަ ލަވަ 'ލޭކޭ ޕްރަބޫ ކާ ނާމް' ފުރަތަމަ ލަވަ އާއްމުންނަށް ދައްކާލުމަށް ފަހު ސަލްމާން ޚާން ބުނެފައި ވަނީ، މި ލަވަޔަކީ، ލަވަކިޔުންތެރިޔާ އަރިޖިތު ސަލްމާނަށް އަޑު އަޅައިދިން ފުރަތަމަ ލަވަ ކަމުގައެވެ.

ސަލްމާން ޚާންއާއި ބަތަލާ ކެޓްރީނާގެ ނެށުމުގެ މަންޒަރު ހިމެނޭ މި ލަވައާ ގުޅިގެން މިއުޒިކް އުފެއްދުންތެރިޔާ ޕްރިތަމް ބުނީ އަރިޖިތު އާއި ސަލްމާންގެ ގުޅުން ރަގަޅުވާނެ ކަމުގެ އިންތިޒާރުގައި އެތައް ބަޔަކު ތިއްބާ އެކަމަށް ނިމުން ގެނުވައި ދިނީ މި ލަވަ ކަމަށެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބުއެއް ފިލްމީ ތަރި އަކީ، ސަލްމާނަށް ވެފައި އަރިޖިތު ސިންގް އަކީ މި ޖީލުގެ ޒުވާނުން އަދި ބޮޑެތި މީހުންގެ މެދުގައި ވެސް އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ ކަމަށާއި ސަލްމާންގެ ފިލްމަކުން އަރިޖިތުގެ އަޑު އިވުމަކީ އެއީ ލަވަކިޔުންތެރި އެއްގެ ހައިސިއްޔަތުން އޭނާ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށް ޕްރިތަމް ވަނީ ބުނެފައެވެ.

ލަވަކިޔުންތެރިޔާ އަރިޖިތު އާއި ސަލްމާން އާއި ދެމެދު މައްސަލަ ޖެހުނީ 2014ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާ އެއްގެ ތެރެއިންނެވެ. ސަލްމާން ޚާން ހޯސްޓު ކުރި މި ހަފްލާގައި އަރިޖިތުއަށް ލިބުނު އެވޯޑް ބަލާ ލަވަކިޔުންތެރިޔާ ދިޔައީ ވަރަށް އާދައިގެ ހެދުމެއްގައެވެ.

އަރިޖިތުއާ ދިމާލަށް ސަލްމާން ޚާން މަލަމާތުގެ ރާގެއްގައި ތި އައީ ނިދާފައި އޮވެފައި ތޯ އެހުމުން ރައްދުގައި ލަވަކިޔުންތެރިޔާ ބުނީ، ތިޔަ ހޯސްޓުން ތިމަންނާމެން ނިންދަވާލީ ކަމަށެވެ.

ސަލްމާން އަރިޖިތު އާ ދިމާލަށް މި ގޮތަށް ބުނީ އޭނާ ފިލްމު "އާޝިޤީ2" އަށް ކިޔައިދިން މަގުބޫލު ލަވަ 'ތުމް ހީ ހޯ' އާ ގުޅުވައިގެންނެވެ. ފަހުން އަރިޖީތުގެ އަމިއްލަ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، އޭނާގެ ލަވަތަ 'ތުމް ހީ ހޯ' ތަކުރާރުކޮށް މީހުން އަޑު އެހުމަކީ އަރިޖީތުގެ މައްސަލަ އެއް ނޫން ކަމަށެވެ.

މި މަސައްލައާ ގުޅިގެން އޭރު ސަލްމާން ޚާންގެ ދެ ފިލްމަކުން އަރިޖިތު ވަނީ ވަކިކޮށްފައެވެ. އެއީ ފިލްމު "ސުލްތާނު" އަދި "ބަޖްރަންގީ ބައިޖާން"އެވެ. އަރިޖިތުއަށް މި ފިލްމު ތަކުން ލަވަކިޔުމުގެ ފުރުސަތު ގެއްލުމާ ގުޅިގެން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލްމާންގެ ކިބައިން މަޢާފަށް ވެސް އެދިފައެވެ.

އެހެން ނަމަވެސް ސަލްމާން ޚާން ވަނީ އަރިޖިތުގެ ބަދަލުގައި ޕާކިސްތާނު ލަވަކިޔުންތެރިޔާ ރާހަތު ފަތެޙް ޢަލީ ޚާން އަށް ފިލްމު "ސުލްތާން"ގެ ލަވަޔަށް އަޑު އެޅުމުގެ ފުރުސަތު ދީފައެވެ.

ކޮންމެ އަކަސް ސަލްމާން އާއި އަރިޖިތުގެ ދެމެދުގައި ޖެހުނު މައްސަލަގަނޑު ނިމި ކުރިޔަށް އޮތް ތަނުގައި ސަލްމާންގެ ގިނަ ފިލްމުތަކުން އަރިޖިތުގެ އަޑު އިވެމުން ދާނެކަން މިހާރު މި ވަނީ ކަށަވަރު ވެފައެވެ.