24 Oct 2023, 12:39
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 5087 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ޝަހީދުވި މީހުންގެ ތެރޭގައި 2035 ކުޑަކުދިން ހިމެނޭއިރު، 1119 މީހުންނަކީ އަންހެނުންވެ. އިތުރު 15273 މީހުން ޒަހަމްވެފައި ކަމަށްވެސް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އާދީއްތަ ދުވަހުގެ ރޭވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ 400 އަށްވުރެ ގިނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި އެ ހަމަލާތަކުގައި އެކަނި ވެސް 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ތިބީ އިމާރާތްތަކުގެ ދަށުގައި ކަމަށް ވެސް އެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.
ދަ އިންޑިޕެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 320 ސަރަހައްދަކަށް ހަމަލާދީފައިވާނެ ކަމަށް އިސްރާއީލުން ބުނެއެވެ. އޭގެތެރޭގައި ހަމާސް އިން ތިބި ޓަނަލެއްވެސް ހިމެނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރެއެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ 222 މީހުން އެބަތިބި ކަމަށްވެސް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން މީގެކުރިން ބުނެފައިވާ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަދަދަކީ 200 އެވެ.