24 Oct 2023, 09:03
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ފަރާތުން ފައިސާގެ އެހީގެ ގޮތުގައި ފަނަރަ މިލިއަން ރުޕީސް ފަލަސްތީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައި ތިބި ފަރާތް ތަކަށް ހަދިޔާ ކޮށްފިއެވެ.
ޕާކިސްތާނުގެ އިތުރުން އިންޑިއާގެ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށް ލަވަ ކިޔައިދީފައިވާ އާތިފު ވަނީ ޕާކިސްތާނުގެ އަލް ޚިދުމަތު ފައުންޑޭޝަން މެދުވެރިކޮށް ފަލަސްތީނުގައި ޙާލުގައި ޖެހިފައިވާ ފަރާތް ތަކަށް އެހީގެ ފައިސާ ޙަވާލު ކޮށްފައިކަން އެ ފައުންޑޭޝަނުން ވެސް ވަނީ ކަށަވަރުކޮށް ދީފައެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ހަމާސް ޖަމާޢަތާ ދެކޮޅަށް ފަށާފައިވާ ޙަމަލާ ތަކާ ދެކޮޅަށް ޕާކިސްތާނުގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އަޑު އުފުލާފައެވެ.
އާތިފު އަސްލަމްގެ ފަރާތުން ޣައްޒާގެ ރައްޔިތުން ނަށް ވެދިން މި އެހީއާ ގުޅިގެން އެ ޤައުމުގެ އަލް ޚިދުމަތު ފައުންޑޭޝަނުން ވަނީ ލަވަކިޔުންތެރިޔާއަށް ޝުކުރު އަދާ ކޮށްފައެވެ. އާތިފު ފަދަ އާއްމުންގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެއްގެ ފަރާތުން އިންސާނިއްޔަތަށް އެހީ ފޯރުވައި ދިނުމުގެ މި ޢަމަލަކީ އާތިފު އަސްލަމްގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށްދިން ޢަމަލެއްގެ ގޮތުގައި އެ ޖަމްޢިއްޔާ އިން ވަނީ ސިފަކޮށް ފައެވެ.
އުރުދޫ ބަހުން ވެސް ރީތި ހިތްގައިމު މަދަޙަ ތަކަށް އަޑު އަޅާފައިވާ ލަވަކިޔުންތެރިޔާގެ ފަރާތުން ޣައްޒާއަށް ހަދިޔާ ކުރި ފައިސާގެ އެހީގައި ޣައްޒާގައި ޙާލުގައި ޖެހިފައި ތިބި އެތައް ރައްޔިތުން ތަކަކަށް ސިއްޙީ ފަރުވާ ދިނުމަށް ބޭނުން ކުރާނެ ސާމާނު ތަކާއެކު ކެއިން ބުއިމަށް ބޭނުންވާ ގިނަ ތަކެތި ހޯދައިދެވޭނެ ކަމަށް އަލް ޚިދުމަތު ފައުންޑޭޝަންއިން އެކްސް ގައި ކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ.
އާތިފު އަސްލަމް ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކުށްވެރިކޮށް މިދިޔަ ހަފުތާ ތެރޭގައި އިންސްޓަގްރާމް މެދުވެރި ކޮށް އަޑު އުފުލާފައެވެ. އަދި އާތިފުގެ ފޮލޮވާސްގެ ފަރާތުން އެދިފައި ވަނީ ފަލަސްތީނުގައި ތިބި މުސްލިމުން އަޚުންނަށް ކާމިޔާބު ލިބުމަށް އެދި ދުޢާ ކުރުމަށެވެ.