ޣައްޒާ ހޮސްޕިޓަލްގެ މޯޗަރީއެއްގެ ދަގަނޑު ޓްރޭއެއްގައި ޝަހީދުވެފައިވާ ތިން ކުދިންގެ ހަށިގަނޑު އޮތްއިރު، އެ ކުދިންގެ ފައިގައި ކަޅުކުލައިގެ ދެލިން ލިޔެފައި ހުރީ ކުދިންގެ ނަންތަކެވެ.

"އަޅުގަނޑުމެންނަށް ލިބޭ ބައެއް ކޭސްތަކުގައި ބެލެނިވެރިން ހުންނަނީ ކުދިންގެ ފައިގައާއި ބަނޑުގައި ނަން ލިޔެފައި" ސީއެންއެންއަށް މައުލޫމާތު ދެއްވަމުން އަލް އަގްޞާ މާޓިޔާ ހޮސްޕިޓަލްގެ އިމާޖެންސީ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. އަބްދުއްރަހުމާން އަލް މަސްރީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ކުދިންނަށް ކަމެއްވެއްޖެނަމަ، އެއްވެސް މީހަކަށް އެ ކުދިން ވަކި ކުރަން ނޭގިދާނެތީ ބެލެނިވެރިން ކަންބޮޑުވެއެވެ. އަދި މީގެ މާނައަކީ އެ މީހުންނަށް އަމާޒުކޮށް ކޮންމެ ވަގުތަކުވެސް ހަމަލާދީ ޝަހީދު ނުވަތަ ޒަހަމް ކޮށްލަފާނެ ކަމުގެ ބިރު އެ މީހުންނަށް އެބައޮތެވެ. ކޮންމެ ވަގުތަކުވެސް ޝަހީދުވެދާނެތީ، އާއިލާތައް ނިދަނީވެސް އެއް ކޮޓަރީގައެވެ. އޭރުން ޝަހީދުވިޔަސް ޒަހަމް ވިޔަސް ވާނީ އެއްކޮށް ކަމަށް އެ މީހުން ބުނެއެވެ.

މިއީ މި މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން މެދުކެނޑުމެއް ނެތި ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން ބެލެނިވެރިންގެ ހިތްތަކުގައިވާ ބިރުވެރިކަމާއި މާޔޫސްކަމުގެ ކުޑަ ކުޑަ މިންވަރެކެވެ.

ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ދޮންނަ ޑިޕާޓްމަންޓުގެ ސުޕަވައިޒަރާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރާ ގޮތުގައި ހަމަލާތަކުގެ ސަބަބުން ވަރަށް ގިނަ ކުދިން މިހާރު ވަނީ އެތަށް މިތަނަށް ގެއްލިފައެވެ. އަދި އެތަނަށް ގެންނަ ބައެއް ކުދިންގެ ބޯ ޗަސްވެ ކާކުކަން ނޭގޭ ވަރުވެފައި ހުންނަ ކަން އޭނާ ފާހަގަކުރިއެވެ. އަދި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އެކަނިވެސް އެތަނަށް 200 އެއްހާ ހަށިގަނޑު ގެނެސްފައިވާ ކަމަށް ސުޕަވައިޒަރު ބުނެފައިވެއެވެ.

ޔަހޫދީގެ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް ނާންނައިރު، އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި އެ ނޫންވެސް ހިދުމަތްތައް ދެވޭނެ ގޮތެއް ނެތެވެ. ޑޮކްޓާސް ވިތްއައުޓް ބޯޑާސްއާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުން ޣައްޒާގައި ހުރި ހޮސްޕިޓަލްތަކުގައި އޮޕަރޭޝަންތައް ކުރަނީވެސް ހޭނުނައްތައެވެ. ތަދު ކަނޑުވާ ބޭހެއްވެސް ދެވޭކަށް ނެތެވެ. އޮޕަރޭޝަންތައް ކުރަން އަންނަ ކުޑަކުދިންވެސް މީގެތެރޭގައި ހިމެނޭ ކަމަށް ސީއެންއެންއިން ބުނެފައިވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެނެއްވެސް ނުލިބެއެވެ. ޑީސަލިނޭޝަން ޕްލާންޓުތައް ހިންގަން ބޭނުންވާ ކަރަންޓެއް ޣައްޒާއަކު ނެތެވެ. މިއާއެކު އާންމުންނަށް މަޖުބޫރުވެފައި ވަނީ ނުސާފު ފެނާއި ކަނޑުގެ ލޮނު ފެން ބޯން ކަމަށްވެސް ސީއެންއެން ރިޕޯޓުކޮށްފައިވެއެވެ.

ހަމާސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ފަލަސްތީނުގެ ސިއްހީ ވުޒާރާއިން އާދީއްތަ ދުވަހު އާންމުކުރި ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ކުޑަކުދިންނާއިބެހޭ ޑިޕާޓްމަންޓް ޔުނިޓްގެ ވެރިޔާ ޑރ.ފުއާދު އަލް ބުލްބުލްގެ ވީޑިއޯއެއްގައި އޭނާ ވިދާޅުވާ ގޮތުން ތެޔޮ ހުސްވެއްޖެނަމަ، އެ ހޮސްޕިޓަލްގައި ތިބި ގިނަ ތުއްތު ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ގިނަ ކުދިން ތިބީ ވެންޓިލޭޓަރުގައެވެ. އަދި އެ މީހުންނަށް އެއް ކުއްޖަކު ދެ ކުއްޖަކު ސަލާމަތް ކުރެވުނު ނަމަވެސް ހުރިހާ ކުދިން ސަލާމަތް ނުކުރެވޭނެ ކަމަށް އެ ވީޑިއޯގައި ފުއާދު ބުނެފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ. އެތަނުގައި ތިބި ގިނަ ކުދިންނަކީ ވަރަށް ބަލި ކުދިން ކަމަށާއި ހޮސްޕިޓަލްގެ މުއްވައްޒަފުން މެދުނުކެނޑި 18 ދުވަހު މިހާރުވެސް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ އިތުރަށް ބުނެފައިވެއެވެ.

ދުވަސްނުފުރާ ވިހާފައި އޮތް ކުއްޖަކަށް އަލް އަގްޞާ ހޮސްޕިޓަލްގައި ފަރުވާދެނީ ފޮޓޯ/ސީއެންއެން

އަނެއްކޮޅުން ޒަހަމްވާ މީހުން ހޮސްޕިޓަލުންތަކުން މެދުނުކެނޑި ހިދުމަތް ހޯދަމުން އަންނައިރު، ފެނާއި ކަރަންޓު، އަދި ބޭސްވެސް ހުސްވަމުން އަންނަ ކަމަށް ޑޮކްޓަރުންނާއި ނަރުހުން ބުނެފައިވާ ކަމަށް ސީއެންއެންއިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކުން މީހުން ހުސްކުރުމަށް އިސްރާއީލުން ތަކުރާރުކޮށް އަންނަނީ އަންގަމުންނެވެ. އެގޮތުން ހުކުރު ދުވަހު އެކަނިވެސް ޣައްޒާގެ އަލް ގުދުސް ހޮސްޕިޓަލް ހުސްކުރުމަށް ތިން ފަހަރު އިސްރާއީލުން ވަނީ އަންގާފާއެވެ. ނަމަވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ތަރުޖަމާނު ނެބަލް ފަރްސަހާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުން ހޮސްޕިޓަލްތަކުގައި ގިނައިން ތިބީ ވަރަށް ބަލި، ހާލަތު ނާޒުކު މީހުން ކަމުން ރައްކާތެރި ގޮތެއްގައި އެމީހުން އެހެން ތަނަކަށް ބަދަލުކުރެވޭނެ ގޮތެއް ނެތެވެ.

ހަމަލާތަކުގެ މެދުގައި ތާށިވެފައިތިބި ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުން އިސްރާއީލުން މަނާކޮށްފައި އޮތުމަށްފަހު، އެހީގެ ޓްރަކްތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފެނާއި ކާބޯތަކެތި އެނޫންވެސް އެހީ ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ ދިން ނަމަވެސް ތެޔޮ އެތެރެނުކުރެވޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އޭޖެންސީން އާދީއްތަ ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ޣައްޒާގައި ހުރި ތެޔޮ ހުސްވާނެއެވެ.