މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދަށް އަސަރުކުރާނެ ކަމަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން ބުނެފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެކުނުއޭޝިއާ ސަރަހައްދަށް އޮތް ނުރައްކާތަކާއި އެކަމުގެ ސަބަބުން އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކެއް ހޯދުމަށް ކުރާ ދިރާސާއެއްގެ މަސައްކަތް ފެށުމުގެ ގޮތުން ޓްރޭޑާސް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުމުގައި ސާކް ސެކްރެޓޭރިއަޓްގެ ޑިރެކްޓަރު ޕޭޕް އެލް ދޮރްޖީ ވިދާޅުވީ ސާކްގެ ހުރިހާ ގައުމުތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތައް ކަމަށެވެ.

"ސާކްގެ ހުރިހާ ގައުމުތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހުށައެޅިފައިވާ ގައުމުތަކެއް. ހާއްސަގޮތެއްގައި އެތައް މިލިޔަން ފަގީރުންނެއް ވަނީ ނުރައްކަލުގެ ތެރޭގައި،" ދޯރްޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނުގެ ވަސީލަތް މަދުވުމާއި ފެންބޮޑުވުމާއި ހަނަފަސް ކަމުގެ ސަބަބުން ބޭރަށް ހިންގުން ފަދަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް މިގަރުނުގެ މެދުތެރޭގައި އަސަރުކުރާނެ ކަން އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީ)ގެ ހަތަރު ވަނަ އެސެސްމެންޓް ރިޕޯޓުން އެނގޭ ކަމަށެވެ.

ޓްރޭޑާސް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުމުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރްމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މަންދޫބުން ބައިވެރިވި އެވެ. ބައްދަލުވުން ކުރިއަށް ދާނީ މިއަދާއި މާދަމާ ކަމަށް ސާކް ސެކްރެޓޭރިއަޓުން ބުންޏެވެ.

މިދިޔަ ސާކްގެ ޓާމްސް އޮފް ރިފަރެންސް ކަނޑައަޅާފައި ވަނީ ޔުނެޕްގެ އެހީއާ އެކު ސާކް ސެކްރެޓޭރިއަޓުންން ކަމަށާއި އަދި ސާކްގެ ތިމާވެށްޓާ ބެހޭ ވަޒީރުންގެ ނުވަ ވަނަ ބައްދަލުވުމުން ޓާސްމް އޮފް ރިފަރެންސް އަށް ރުހުން ދީފައިވާ ކަމަށް ދޯރްޖީ ވިދާޅުވި އެވެ. އަދި މި ދިރާސާ އަށް މާލީ އެހީތެރިކަން ދެނީ އޭޑީބީން ކަމަށާއި އެކަމަށްޓަކައި އޭޑީބީއަށް ޝުކުރުއަދާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.