ކަންކަން ބަދަލުވެގެން ދަނީ ވަރަށް އަވަހަށެވެ. ހޫނު ސައިތަށްޓެއް އޭގެ ރަހަ ގެއްލުވައި ނުލައި ބޯން ބޭނުންވެއްޖެ ނަމަ މިހާރު ކުރާނެ އެތައް ކަމެއް އެބައޮތެވެ. ނަމަވެސް މި ވަރަށް ފަހަކާ ޖެހެންދެއް ވެސް ދިވެހީން ސައިގެ ހޫނު މަޑުކުރަން ގެންގުޅުނީ ވަރަށް ތަފާތު އާދައެކެވެ.

މި ވަރަށް ފަހަކަށް ހަނދާން ވާން ދެއް ވެސް ދިވެހީން ސައި ހޫނު މަޑު ކުރަން ގެންގުޅުނީ ގާތްގަނޑަކަށް އެއް އާދައެކެވެ. އެއީ ފެން ތަށްޓެއްގެ ތެރެއަށް ސައި ޖޯޑު ލާފައި ބޭންދުމެވެ. އެއަށްފަހު އިރުކޮޅަކުން ފެނުން ނަގާއިރު ސައި ޖޯޑު ބޮވޭ ވަރަށް ހޫނު މަޑުވެއެވެ.

"ކުޑައިރު މުޅިން ވެސް ކަންތައް ކުރަނީ އެހެން ބޮޑެތި މީހުން. ދެން ހިހޫ ފެން އެޅުމަށް ބުނުމުން އެކަން ގޯސްވާނެ،" އުމުރުން 29 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.

މިއީ ވަރަށް ގިނަ ދިވެހީން އަދިވެސް ގެންގުޅޭ އާދައެކެވެ. އެއީ ހޫނު ސައި ހޫނު މަޑު ކުރުމަށް ފެން އެޅުމާ ދެކޮޅުވުމެވެ. މިފަދަ ކަމެއް އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމަށް އެއްބަޔަކު ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭ ސަބަބެއް ދުވަހަކު ވެސް އެއްވެސް މީހަކު އާންމެއް ނުކުރެއެވެ. އެ އެންމެން ވެސް ބުނަނީ އެއީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް ގޯސްވާ ސަބަބެއް ނޭނގެއެވެ.

ކޮންމެއަކަސް ގޭގޭގައި އޭރު ސައި ހިހޫ ކުރަަން ގެންގުޅުނީ ފެން ތަށްޓަކަށް ނުވަތަ ބާލިދީއަކަށް ލައިގެންނެވެ. މިއީ މާމަ އުމުރު މީހުން ވެސް ކުޑައިރުން ފެށިގެން ކޮށް އުޅުނު ކަމެއް ކަމަށް ދުވަސްވީ މީހުން ބުނެއެވެ. އެމީހުންނަށް ހަނދާންވާން ފެށިއިރު ވެސް އެގޮތަށް ކަންތައް ކުރެއެވެ. އެހެންވީމާ މި އާދަ އައިސްފައިވަނީ ސީދާ ކިހާ ހިސާބަކުން ކަމެއް ނޭނގެއެވެ.

މީގެ އިތުރުން އެ ދުވަސްކޮޅު ދެން ގެންގުޅުނު އާދައަކީ ސަމުސާއަކުން ސައިތަށި ގިރުމެވެ. އެގޮތުން ސައި ހޫނު މަޑު ކުރުމަށް ހުއްޓައި ނުލައި ސަމްސަލުން ސައި ގިރާލަ ގިރާލާ އިންނާނެއެވެ.

ކުރީން ސައި ހޫނު މަޑު ކުރަން ތިގޭގައި ތަފާތު އާދައެއް ގެންގުޅުނު ހެއްޔެވެ؟ ގެންގުޅުނު ނަމަ އެއީ ކޮން އާދައެއް ހެއްޔެވެ؟