ގިނަ ބަޔަކު އެއް ފަހަރާ ގެދޮރުވެރިން ޕޯޓަލަށް ވަންނަން މަސައްކަތްކުރަމުން ދާތީ އެ ޕޯޓަލް ޑައުންވެއްޖެއެވެ.

ގިނަ ބަޔަކު އެ ޕޯޓަލަށް ވަނުމަށް މަސައްކަތް ކުރަނީ ސަރުކާރުން އިއުލާންކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވައްސާއި، ގެދޮރުވެރިން މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލައިފައި އޮތް މުއްދަތު މާދަމާ ހަވީރު 15:00 އަށް ހަމަވާތީއެވެ.

މި ސްކީމުތަކުގައި ބައިވެރިވާން ފޯމު ފުރަން ޖެހެނީ އީފާސްއިން ލޮގިންވެގެން ޕޯޓަލް މެދުވެރިކޮށެވެ. އެއް ފަހަރާ ގިނަ ބަޔަކު ޕޯޓަލް ބޭނުންކުރާތީ، ޑައުންވެފައިވާއިރު އެ ކަން ސަމާލުކަމަށް މިހާރު އައިސްފައިވާކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިން ޕޯޓަލް ޑައުންވެފައި ---

އެގޮތުން "ސަން"އާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ޕޯޓަލަަށް ދިމާވި މައްސަލަ ހައްލުކުރުމަށް ޓަކައި މިނިސްޓްރީގެ ޓީމުން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިހާރު އެ ކަން ހައްލުކުރަން. ވަރަށް އަވަހަށް އަލުން އެއަށް ވަދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 4000 އަށް ވުރެ ގިނަ ގޯތި ދޫކުރާނެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.

އެ ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައި ވަނީ އުތުރު ތިލަފަޅުންނެވެ.

މި މަޝްރޫއު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އިއުލާންކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މާލޭގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ލިބޭނެ ކަމެއް ކަމަށެވެ.