23 Oct 2023, 21:21
އޮޑިޓުތަކާއި ރިޕޯޓުތަކުގެ އިތުރުން ލިޔެކިޔުންތައް ހާމަކުރާ ކަމަށާއި ދިވެހީންގެ ފަރާތުން އެހާ ބޮޑު އެއްބާރުލުމެއް އެ ޖަމިއްޔާއަށް ލިބެނީ ދެފުށް ފެންނާތީ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން މިއަދު ބުނެފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެހީގެ އެއް ޖަމިއްޔާ އައިއޭސީން އޮޑިޓުތަކާއި ރިޕޯޓުތަކުގެ އިތުރުން ލިޔެކިޔުންތައް ހާމަނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ޖަމިއްޔާއަށް ކުރާ ތުހުމަތާ ގުޅޭގޮތުން ''ސަން'' އާ ވާހަކަ ދައްކަވަމުން އައިއޭސީގެ އޮފިޝަލަކު ވިދާޅުވީ ގޮތް ނޭނގޭ ފަރާތްތަކުން ކުރާ ޓްވީޓްތަކާއި ސޯޝަލް މީޑިޔާގައި ދައުރުވާ އެކިކަހަލަ ވާހަކަތަކަށް އެޑްރެސްކޮށް ވާހަކަ ދެއްކުމަކީ އައިއޭސީގެ ސްޓޭންޑާޑް ޕޮލިސީއެއް ނޫން ކަމަށެވެ.
މިގޮތުން، އޮޑިޓް ރިޕޯޓްތަކާއި ސަރުކާރަށް ހާމަކުރަން ޖެހޭ ލިޔެކިޔުންތަށް ހާމަކުރަމުންގެންދާ ކަމަށާއި މިފަދަ ލިޔެކިޔުންތަށް ހާމަކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެނާ ވިދާޅުވިއެވެ.
އައިއޭސީއަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަނީ ކާކުކަން ނޭނގޭ އެކްސް އެކައުންޓު "ހަސަން ކުރުސީ" އިންނެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޑޮކިއުމެންޓެއް ނުކުރެވޭ ގޮތަކަށް އެ ޖަމިއްޔާއިން އެއްވެސް ޙަރަދެއް ކޮށްފައިނުވާނެ ކަމަށެވެ.
ދިވެހި ރައްޔިތުން އައިއޭސީއަށް ދެއްވާ އެއްބާރުލުމަކީ އައިއޭސީގެ ޓްރާންސްޕޭރެންސީ ދަންނާތީވެ ދޭ އިތުބާރެއް ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އެހެންކަމުން، ލިޔެކިޔުންތަށް ހާމަނުކުރާ ކަމުގެ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ފެންމަތިވެފައިނުވާ ކަމަށް އައިއޭސީން ބުންޔެވެ. އަދި، ލިޔެކިޔުންތަކާއި ޑޮކިޔުމެންޓްތައް ހާމަނުކުރާކަށް މަސައްކަތް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އައިއޭސީން ދިނެވެ.
އައިއޭސީ އަކީ ރަޖިސްޓާ ކުރެވިގެން ހިންގާ ޖަމިއްޔާއެއް ކަމަށާއި، އަދި އެ ޖަމިއްޔާގެ އޮތޯރިޓީތަކަށް ދޭންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރައްޔިތުންނަށް ހާމަކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ވީހައިވެސް އަވަހަކަށް ހާމަކުރަމުންދާނެކަމުގެ ޔަގީންކަން އައިއޭސީން ދިނެވެ.
މިގޮތުން، ކުރިއަށް އޮތްތަނުގައި ފަންޑް ބޭނުންކުރާ ގޮތާއި ފަންޑާއި ގުޅޭ ހުރިހާ މައުލޫމާތެއް މިހާރަށް ވުރެން ވެސް އިތުރަށް ހާމަކުރަމުން ގެނަދާނެ ކަމަށް ބުނިއެވެ.
އައިއޭސީއަށް ރައްޔިތުން ފޯރުކޮށްދެއްވާ ފައިސާ ޑޮކިޔުމެންޓް ނުކުރެވި، ޖަވާބުދާރީ ނުވެވޭނެ ގޮތަކަކަށް އެ ޖަމިއްޔާއިން ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން ދިވެހީންނަށް އެ ޖަމިއްޔާއިން ދިނެވެ.
އައިއޭސީން ވަނީ 26 އަށް ވުރެ ގިނަ ގައުމުގައި 2،000 އަށް ވުރެ ގިނަ އެހީގެ މަޝްރޫއުތައް ހިންގައިފައެވެ.