ދަށު ކޯޓު މަރުހަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައި ހުންނަ ގޯސްތައް ފޮރުވައި "މަލަން އަޅަން" ދަށު ކޯޓު ގޯސްކުރާ ކަމަށް ބުނެ، ހައިކޯޓުން ޕީޖީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ރައްދުކޮށްފިއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ފުލުހުން މިދިޔަ މަހު ހައްޔަރު ކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ، ފާއިތުވި ފަސް އަހަރު އެ މީހާގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތުމުންނެވެ.

އެ މީހާ ހައްޔަރު ކުރި ކޮޓަރިން މަސްތުވާތަކެތި ކިރަން ބޭނުން ކުރާ ކަށްޓާއަކާއި މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ ޕެކެޓު ވެސް ފެނިފައިވެއެވެ. އެކަމަކު، ދައުލަތުން ދަށު ކޯޓުގައި އެ ވާހަކަތައް ދައްކައިފައެއް ނުވެއެވެ. އެހެންވެ، އެ މައްސަލައިގައި ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ އެ ވާހަކަތަކަށް އެއްވެސް ބުރަދަނެއް ނުދީއެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ކަމެއް ނައްޓާލައިގެންދާ ކޮންމެ ފަހަރަކު އިސްތިއުނާފީ ކޯޓަށް އައިސް، ކުށުގެ ބޮޑު މިނާއި ދޫވުމުގެ ނަތީޖާގެ ވާހަކަ ދައްކައިގެން ދައުލަތުގެ "ފަރުވާ ކުޑަ" އަމަލުތަކުގައި "މަލަން އަޅަން" އުޅުމަކީ ގާނޫނީ ހަމަ ނޫން ކަމަށެވެ.

އެހެންވެ، އެއީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ މޭރުމުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ހައިކޯޓުން ވަނީ ސިފަކޮށްފައެވެ.

އެގޮތުން، ދަށު ކޯޓުން އެ މީހާ ދޫކޮށްލާފައިވަނީ އެތަކެއް ހެއްކެއް ހުރެ، ކުށުގެ ކުޑަބޮޑު މިނަށް އެއްވެސް ބެލުމެއް ނެތި ކަމަށް ދައްކުވައިދޭން ދައުލަތުން މަސައްކަތް ކުރި ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އަދި، އެއީ ކަންހިނގާ ދިޔަ ގޮތް ނޫން ކަމަށާއި ދައުލަތުން މުހިއްމު ގިނަ ވާހަކަތަކެއް ދަށު ކޯޓު މަރުހަލާގައި ދައްކާފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

"މި އިސްތިއުނާފުގެ ދައުލަތުގެ ހުށަހެޅުން އެކަނި އަޑުއަހައި ކޮންމެ މީހަކު ވެސް ހިތަށް އަރާނީ ކޯޓުތަކުން ހާދަހައިވާ ބަލައިލުމެއް ނެތޭ، މަސްތުވާތަކެތި ޓްރެފިކް ކުރާކަން އެނގޭއިރު ވެސް އެހުރަ ދޫކޮށްލީއޭ. މިއީ ފަނޑިޔާރުގެއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުން ކަމަށް ވީއިރު، މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހުކުމުގައި ވެއެވެ.

އެހެންވެ، ހުށަހެޅިފައިވާ ނުކުތާއަކަށް ފަނޑިޔާރު ރިއާޔަތް ނުކުރައްވައި ކަަމަށް ދައުލަތުން ބުނާއިރު، ދަށު ކޯޓު މަރުހަލާގައި ފުލުހުން ނުދައްކައި ވާހަކަތަކަކީ ކޮބައިކަން ފުލުހުން ތެދުވެރިކަމާ އެކު ހައިކޯޓުގައި ބުނެދީފައިވާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

"ދައުލަތުގެ ފަރާތުން ކަމެއް ނައްޓާލައިގެންދާ ކޮންމެ ފަހަރަކު، އިސްތިއުނާފު ކޯޓަށް އައިސް، ކުށުގެ ކުޑަބޮޑު މިނާއި ދޫވުމުގެ ނަތީޖާގެ ވާހަކައަށް ބިނާކޮށް، ދަށު ކޯޓުގެ ނިންމުން ނުރަނގަޅު ކަމަށް ކަނޑައެޅުމަށް އެދި ދައުލަތުގެ ފަރުވާކުޑަ އަމަލުތަކުގައި "މަލަން އަޅަން" އުޅުމަކީ ގާނޫނީ ހަމަކަމަކަށް ނުދެކެމެވެ." ހުކުމުގައި ވެއެވެ.

އެހެންވެ، ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ.