16 May 2012, 12:38
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ސާފު ފައިދާ އިން މުވައްޒަފުންނަށް ދޭ ބޯނަސް 0.25 ޕަސެންޓަށް ދަށްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް ފައިސާ ކުރިން ބަހަމުން އައިސްފައި ވަނީ ފައިދާގެ އެއް ޕަސެންޓްގެ ރޭޓުންނެވެ.
ނަމަވެސް މި މަހު 13 ވަނަ ދުވަހު އެ ކުންފުނިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން 2011 ވަނަ އަހަރުގެ ފައިދާ އިން ބޯނަސްގެ ގޮތުގައި ބެހޭނީ 0.25 ޕަސެންޓް ކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
"ކުންފުނީގެ މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް، 2011 ވަނަ އަހަރު ކުންފުނީގެ ފައިދާ އިން އަހަރީ ބޯނަހުގެ ގޮތުގައި މުވައްޒަފުންނަށް ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2012 މެއި 10 ވަނަ ދުވަހު ނިންމާފައި ވަނީ ސާފު ފައިދާގެ 0.25 ޕަސެންޓް އެވެ." އެމްއޭސީއެލް އިން މި މަހު 13 ވަނަ ދުވަހު ނެރުނު ސާކިއުލާގައިވެ އެވެ.
އެމްއޭސީއެލްގެ ސާކިއުލާއެއްގައި ބުނެފައި ވަނީ މުވައްޒަފުނަށް ދޭ އަހަރީ ބޯނަސް ކުޑަ ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަފައި ވަނީ ކުންފުނީގެ މާލީ ހާލަތު މިހާރު އޮތް ގޮތުންނާއި ކުންފުނީގެ މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް ކަމަށެވެ.
އެއާޕޯޓްސް ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް ސޮއިކުރައްވައި ނެރުއްވާފައިވާ އެ ސާކިއުލާގައި 2011 ވަނަ އަހަރުގެ ހިސާބު ފާސްވުމުން، އަހަރީ ބޯނަހުގެ ތަފްސީލް މުވައްޒަފުންނާ ހިއްސާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވީ ސާފު ފައިދާ އިން މުވައްޒަފުނަށް ބަހާ ޕަސެންޓް ކުޑަ ކުރުމަށް ނިންމީ 2010 ވަނަ އަހަރަށް ވުރެ 2011 އަހަރު މުވައްޒަފުން މަދުވުމާ ގުޅިގެން ކަމަށެވެ.
"މިހާރު މި ތަނުގައި ތިބީ 400 ވަރަކަށް މުވައްޒަފުން. 2010 އަހަރު ބޯނަސް ދިން އިރު ތިބޭނެ 1600 އަށް ވުރެ ގިނަ މުވައްޒަފުން. އެއީ ތަފާތަކީ." އޭނާ މިއަދު ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ މުވައްޒަފުންގެ މަސައްކަތް އިވެލުއޭޓު ކުރުމަށް ކުރިން އަހަރަކު އެއް ފަހަރު ހަދާ އެޕަރައިސަލް އިވެލިއުއޭޝަން މި އަހަރު ނަހަދައި އަދި ބޯނަސް ކުޑަކޮށްލުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކުރިން އޮންނަ ގޮތުން އެޕަރައިސަލް އިން 80 ޕަސެންޓަށް ވުރެ މަތީން މާކްސް ލިބޭ މުވައްޒަފުންނަށް އެއް މަހުގެ ފުލް މުސާރަ ލިބޭ ކަމަށާއި ނަމަވެސް މުވައްޒަފުން އިވެލިއޭޓް ކުރަން ދެ ހަފުތާ އަށް ވެފައި ވަނިކޮށް، އެބައި ވެސް ނުލިބޭނެ ކަމަށް ބުނުމުން މުވައްޒަފުންނަށް "ޝޮކެއް" ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންސާފު ވެރިގޮތަކަށް ވާނީ ބޯނަސް ސުޓްރަކްޗާ އަށް ބަދަލު ގެންނަ ނަމަ އަހަރު ދުވަސް ކުރިން އެކަން މުވައްޒަފުންނަށް އެންގުން ކަމަށެވެ.