އިސްރާއީލުގެ އަސްކަރިއްޔާއިން މެދުނުކެނޑި ފަލަސްތީނުގެ މައުސޫމް އާންމުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ހަމަލާތަށް ހުއްޓުވަން، އދ.ގެ ފަލަސްތީނާ ގުޅޭ އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ރާއްޖޭން މިއަދު އެދިއްޖެއެވެ.

މި ކަމާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެހެން ޤައުމުތަކާ އެކު، "ސުލްހައަށް ޓަކައި އެއްބައިވަންތަވުން" މި ގަރާރާ އެއްގޮތަށް، އާންމު މަޖިލީހުގެ ދިހަވަނަ ޚާއްޞަ ޖަލްސާ އެހެން ގައުމުތަކާ ގުޅިގެން އަލުން ފެށުމަށް ރާއްޖޭން އެދޭ ކަމަށެވެ.

ފަލަސްތީނުގެ ހައްގުގައި އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ފެށީ 1997 ވަނަ އަހަރެވެ. އެ ސެޝަންގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ދުނިޔޭގެ ސުލްހަޔައާއި ހަމަޖެހުން ގާއިމް ކުރުމުގެ ޒިންމާ އދ. ގެ ސެކިއުރިޓީ ކައުންސިލަށް އަދާ ނުކުރެވޭ ކަމަށް ފެނިއްޖެ ހާލަތެއްގައި އެމަޖެންސީ ސްޕެޝަލް ސެޝަނަށް ގޮވައިލުމުގެ ބާރު މެންބަރު ގައުމުތަކަށް ލިބިގެންވެއެވެ.

ޝާހިދު ވިދާޅުވީ، އިސްރާއީލުގެ އަސްކަރިއްޔާއިން މެދުނުކެނޑި ފަލަސްތީނުގެ މައުސޫމް އާންމުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ދޭ ހަމަލާތައް ކުރިއަށްދާތާ މާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

ރާއްޖެއިން ފަަލަސްތީނަށް މިނިވަންކަން ހޯދައިދީ މި އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މި މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ދަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް އެ ގައުމަށް ބޮން އަޅަމުންނެވެ.

އިސްލާއީލުން ދަނީ ޣައްޒާގެ މިސްކިތްތަކަށާއި ހޮސްޕިޓަލުތަކަށް އަމާޒުކޮއް ހުއްޓުމެއްނެތި ބޮން އަޅަމުންނެވެ. މިގޮތުން، ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ވެސް ވަނީ ހުއްޓުވާލައިފައެވެ. މި ހަނގުރާމައިގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ގެދޮރުނެތި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

ޣައްޒާގައި ކުރިއަށްދާ އިންސާނީ ކާރިސާގައި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިމުނުގައި ދިވެހިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރާ މިސްކިތެއް ބިނާކުރުމާއި އެކި ގޮތްގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި، މި އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ޓަކައި ރާއްޖެއިން އަންނަނީ އަޑު އުފުލަމުންނެވެ. މިގޮތުން، ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކޯރިޑޯއެއް ގާއިމްކުރުމަށް ވެސް މި މަހުގެ 18 ވަނަ ދުވަހު ރާއްޖެއިން ވަނީ ގޮވާލައިފައެވެ.