މިއަހަރުގެ ފުރަތަމަ ކުއާޓަގައި ޖީއެސްޓީ ނުދައްކާ 280 ފަރާތެއް ނަން މީރާއިން އިއްޔެ ހާމަކޮށްފި އެވެ.

މީރާއިން އާންމު ކުރި ނަން ލިސްޓުގައި ހިމެނެނީ މާލޭގެ ވިޔަފާރިތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗްގެ ނިޔަލަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެވެ.

މީރާއިން ހާމަ ކުރި މި ލިސްޓުގައި ބައެއް ވިޔަފާރިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ޓޫރިޒަމް ދާއިރާގައި ހިމެނޭ ބައެއް ތަންތަން ހިމެނެ އެވެ. އެ ލިސްޓުގައި ޓޫރިޒަމްގެ ދާއިރާއިން 50 ފަރާތަކާއި އެހެނިހެން ދާއިރާތަކުން 230 ފަރާތެއްގެ ނަން ހިމަނާފައި ވެއެވެ.

ޖީއެސްޓީ ނުދައްކާ ތަންތަން އިއްޔެ މީރާއިން ހާމަކުރި އިރު އެތަންތަން މީރާގައި ރަޖިސްޓްރީ ކުރިއިރު ދީފައިވާ ފޯނު ނަންބަރުތަކުން މިހާރު ނުގުޅޭކަމަށް ވެސް މީރާއިން ބުންޏެވެ. އަދި ބުނީ އަތޮޅުތަކުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި މީރާއަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތަށް މިމަހު 30 ވަނަ ދުވަހު އާންމު ކުރާނެ ކަމަށެވެ.

މީރާއިން މި ލިސްޓް އާންމު ކޮށްފައިވާ އިރު މީރާއިން ވަނީ މީގެ ކުރިން ވެސް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތަށް އާންމުކޮށްފަ އެވެ. އަދި އެފަހަރު ނަންތައް އާންމުކުރުމާއި ގުޅިގެން ގިނަފަރާތް ތަކުންވަނީ ޖީއެސްޓީ ދައްކާފަ އެވެ.