އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ވިރާތު ކޯލީ އާއި މުހަންމަދު ޝާމީގެ މޮޅު ކުޅުމާ އެކު އިންޑިއާއިން ނިއުޒީލަންޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިންޑިއާގެ ދަރަމްސާލާގައި ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން ނިއުޒީލަންޑްއިން އެންމެ ފުރަތަަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 273 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 130 ލަނޑު ހަދައިދިން ޑެރީލް މިޝޭލްއެވެ. އަދި، ރަޗިން ރަވިންދްރަ ވަނީ މެޗުގައި 75 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 45 ލަނޑަށް ފަސް ވިކެޓް ނަގައިދިން ޝާމީއެވެ. މެޗުގައި މިޝޭލް އާއި ރަވިންދްރަގެ ވިކެޓް ވެސް އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ ޝާމީގެ އުކުމުގައެވެ.

ޖަވާބުގައި އިންޑިއާއިން ކުޅެން އަރައި 48 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 274 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ.

އިންޑިއާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 95 ލަނޑު ހަދައިދިން ވިރާތުއެވެ. އޭނާއަށް މި މެޗުގައި ވެސް ސައްތައެއް ހެދުމުގެ ފުރުސަތު ލިބިގެން ދިޔަ ނަމަވެސް ތަންކޮޅެއް ހިތް އަވަސްވެ ހަޔަކަށް ޖެހި ނިއުޒީލަންޑްގެ ގްލެން ފިލިޕްސް ހިފީއެވެ. އަދި، ކެޕްޓަން ރޯހިތު ޝަރްމާވަނީ 46 ލަނޑު ހަދައިދީފައެވެ. ނިއުޒީލަންޑް ޓީމަށް މި އީނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ އަށް އޯވަރު 63 ލަނޑަށް ދެ ވިކެޓް ނަގާދިން ލޯކީ ފާގަސަންއެވެ.

މި މޮޅާ އެކު އިންޑިއާއިން މިހާރު ވަނީ ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 10 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާރު މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކަށް އިންޑިއާ މިވަނީ ވެގެން ގޮސްފައެވެ. މި މެޗުން ބަލިވި ނިއުޒީލަންޑް އުޅެނީ އަށް ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައެވެ. އަދި، މިއީ މިފަހަރުގެ މުބާރާތުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އިންޑިއާ ދެން ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑާއި ދެކޮޅަށެވެ. އަދި، ނިއުޒީލަންޑް އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.