23 Oct 2023, 19:26
ޓެނިސް ވޯލްޑް ކަޕުގައި ވާދަކޮށް، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
ބިލީ ޖީން ކިންގް ކަޕްގެ ނަމުގައި ކުރިއަށްގެންދާ މުބާރާތަކީ، ޓެނިހުގެ އަންހެނުންގެ ކެޓަގަރީގައި ދުނިޔޭގެ އެންމެ ބޮޑު މުބާރާތެވެ. އަދި، މި މުބާރާތް ކުރިއަށް ގެންދަަނީ ޓީމުތައް އެކި ޒޯންތަކަށް ބަލަހައިލައިގެންނެވެ.
ރާއްޖެ ހިމެނެނީ އޭޝިއާ އޯޝޭނިއާ ސަރަހައްދުގެ ގުރޫޕް ތިނެއްގައެވެ. އެ ގުރޫޕްގެ މެޗުތައް ކުރިއަށް ގެންދިޔައީ ބަހްރެއިންގައެވެ. އެގޮތުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއް ވެސް ހިމެނޭ ސާދަ ޓީމުގެ ތެރެއިން ރާއްޖޭން ވަނީ ފަސްވަނަ ހޯދައިފައެވެ.
ރާއްޖޭގެ ވާދަކުރި ފުރަތަަމަ މެޗުގައި ބަހްރެއިންގެ މައްޗަށް 3-0 ކާމިޔާބު ހޯދިއެވެ. އެ މެޗުގެ ފުރަތަމަ ކުޅުނު ސިންގްލްސް ދެ ގޭމް ލަޔާން މުހައްމަދު ޝާމިން އާއި އާރާ އާސަލް އާޒިމް ކާމިޔާބު ކުރިއެވެ.

ބިލީ ޖީން ކިންގް ކަޕް މެޗެއްގައި އާރާ ކުޅުނު ގޭމެއްގެ ކުރިން .-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
ހަމައެއާއެކު، ލަޔާންގެ ގޭމް ކާމިޔާބު ކުރީ 6-1، 6-2 އިންނެވެ. އާރާ ކުޅުނު ގޭމް 6-1، 6-0 އިން ކާމިޔާބު ކުރިއެވެ. އެ މެޗުގެ ޑަބަލްސް ކުރިމަތިލުން އާރާ އާއި އާސަލް ކާމިޔަބު ކުރީ 6-1، 6-0 އިންނެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި މަކާއޯއާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދި 2-1 އިންނެވެ. އެ މެޗުގެ ސިންގަލްސް ފުރަތަމަ ގޭމް 7-5، 6-1 އިން ކާމިޔާބު ކުރިއެވެ. ދެވަނަ ސިންގަލްސް މެޗު އާރާ ކާމިޔާބު ކުރިއެވެ. ދެ ގަޑިއިރާ 37 މިނެޓަށް ދިގު ދެމިގެން ދިޔަ އެ މެޗުން، އާރާ މޮޅުވީ 7-6(3), 0-6, އަދި 2-6 އިންނެވެ.
ރާއްޖެ މޮޅުކޮށް ދިނީ ޑަބަލްސް މެޗުގައި ނަޔާރާ އުސާމާ އަލީއެވެ. މިޝްއަލް މުހައްމަދު 6-0، 6-2 އިން އެ މެޗުން ބަލިވީއެވެ.
ހަމައެއާ އެކު، ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ 2-1 އިންނެވެ. ސައުދީ އަރަބިއާ އަތުން ދިވެހި ޓީމު 2-1 މޮޅުވިއެވެ.
ވޯލްޑް ކަޕްގެ ފިރިހެނުންގެ މުބާރާތް ޑޭވިސް ކަޕް ވެސް މާދަމާ ބަހްރެއިންގައި ފަށާނެއެވެ. އެ މުބާރާތުގައި ވެސް ރާއްޖެ ހިމެނެނީ އޭޝިއާ އޯޝޭނިއާ ޒޯންގެ ގުރޫޕް ތިނެއްގައެވެ.