އިންގްލަންޑް އެފް އޭ ވިމެންސް ސުޕާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ވިމެން ބައްދަލުކުރި މެޗް ޗެލްސީއިން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ ފަހަތުން އަރާ ހަތަރު ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީ އިންނެވެ. ނަމަވެސް މި މެޗްގެ ފެށުން ރަނގަޅުވީ ބްރައިޓަންގެއެވެ. މި ގޮތުން މެޗްގެ 10 ވަަ މިނެޓްގައި ބްރައިޓަން އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލީން ބްރެމާއެވެ.

މި މެޗްގައި ޗެލްސީއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި މި ސީޒަންގައި އެ ޓީމަށް ސޮއިކުރި ޖަރުމަނުވިލާތުގެ ސްޔޯކާ ނުސްކެންއެވެ. އަދި މި މެޗްގެ 52 ވަނަ މިނެޓްގައި ޗެލްސީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދިނީވެސް ނުސްކެންއެވެ. މި މެޗްގައި ޗެލްސީގެ ތިންވަނަ ކާމިޔާބުކޮށްފައިވަނީ މެޗްގެ 74 ވަނަ މިނެޓްގައެވެ. މި ލަނޑަކީ ބްރައިޓަންގެ ގޫރޯ ބާގްސްވާންޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗްގައި ޗެލްސީގެ ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އެގީ ބީވާ ޖޯންސްއެވެ. އަދި ބްރައިޓަންއިން މި މެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ ފަހު މިނެޓްގައި ޖަހާދިނީ އެލިސަބެތު ޓާލަންޑްއެވެ.

މިއީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީ ޖެހިޖެހިގެން މޮޅުވި 18 ވަނަ މެޗެވެ.

މި ކާމިޔާބީއާއެކު ޗެލްސީ ވިމެން މިހާރު މިވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި މިވަގުތު އުޅޭ މެންޗެސްޓާ ސިޓީ ވިމެންއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަހަމަ ކޮށްފައެވެ. ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ. މި މެޗުން ބަލިވުމާއެކު ބްރައިޓަން އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.