ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރަން އިއްޔެ ފުލުހުން އެ އޮފީހަށް ވަދެ ކުރި މަސައްކަތުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެފްއޭއެމްއިން ފެނުނު މައްސަލައާ ގުޅުންހުރި ބައެއް ތަކެތި އެނަލައިސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އިއްޔެ ހެނދުނު އެފްއޭއެމް ހައުސަށް ފުލުހުން ވަދެފައިވަނީ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިންނެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، "ތަހުގީގު ނިމުމުން، އެ މައްސަލައިގައި ވާހަކަދައްކާނަން" ކަމަށެވެ. އަދި އޭނާ އެފްއޭއެމް ހައުސަށް ވަނުން ފުލުހުން ހުއްޓުވާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ޕީޖީން އިއްޔެ ބުނީ ދިވެހިރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުއްވުމަށް އެ އޮފީހުން ވަނީ އަމުރު ކޮށްފައެވެ.

އެފްއޭއެމް ހައުސްއަކީ މީގެ ކުރިން އެފްއޭއެމްގެ އިދާރާ ހިންގި އިމާރާތެވެ. މިފްކޯ ކުރިމަތީގައި ހުންނަ އެތަނުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިންގާ ކަމަށް މީގެ ކުރިން ވެސް ވަނީ ތުހުމަތުކުރެވިފައެވެ.

ފުލުހުން އެފްއޭއެމް ހައުސްގެ ތެރެއަށް ވަދެފައިވާ އިރު، އެފްއޭއެމަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން ފުޓުބޯޅައިގެ ބައެއް ހިންގުންތެރިން ވަނީ ބައްސާމް އިސްވެ ހުންނަވައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން އެފްއޭއެމްގައި ދަރަނީގެ މައްސަލަތައް ވެސް ގިނައެވެ.

އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށްފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.

އެފްއޭއެމް ތެރޭގައި މައްސަލަތަކެއް ޖެހި، ދާދި ފަހުން ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވެސް ވަނީ އިސްތިއުފާދީފައެވެ. އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި ހިންގާ ކޮމިޓީގެ މެންބަރު އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އެވެ.