ހާލުގައި ޖެހިފައިވާ ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ފަސް ލައްކަ ރުފިޔާ ފަލަސްތީނު ފަންޑަށް ހަދިޔާ ކޮށްފިއެވެ.

މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އައިއޭސީއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފެވެ. އަދި އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ ޗެއާމަން އަޙްމަދު އިގްބާލެވެ.

ސްޓެލްކޯގެ މުވައްޒަފުން ފަލަސްތީނަށް ދިން އެހީ އޭއައިސީއާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން _

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައިއޭސީގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފައެވެ.

ފަލަސްތީނަށް އެހީވުމަށް އައިއޭސީއާއި ދިވެހި މީޑިއާ ގުޅިގެން ކުރިއަށް ގެންދިޔަ ތެލެތޯނަށް ވެސް ގިނަ އަދަދެއްގެ ފައިސާގެ އެހީ ވަނީ ލިބިފައެވެ.

އިސްރާއީލާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. ފަލަސްޠީނާ އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މި ފަހުން ވެސް ވަނީ ބޮޑު އެއްވުމަކާއި ސައިކަލު ބުރެއް ވެރިރަށް މާލޭގައި ބާއްވައިފައެވެ. އަދި މުޅި ރާއްޖޭގައި ވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.