ވަކިފަރާތަކަށް ނުޖެހޭ މިނިވަން އިންކުއަރީ ކޮމިޝަނަށް އެހީތެރިވާން ކޮމަންވެލްތުން ބޭނުންވާ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެ އަށް ކަނޑައެޅުއްވި ހާއްސަ ސާ މަންދޫބު ޑޮނަލްޑް މެކްކިނަން ވިދާޅުވެއްޖެ އެވެ.

ސާ މެކްކިނަން ވިދާޅުވެފައި ވަނީ ރާއްޖެ ޑިމޮކްރަސީ އަށް ކުރާ ދަތުރުގައި ކުރިއަށް ދެވޭ ފަދަ ގޮތަކަށް ފެބްރުއަރީ ހަތް ވަނަ ދުވަހު (ރާއްޖޭގެ ވެރިކަން ބަދަލުވި) ހާދިސާއަށް އެޑްރެސް ކުރުމުގައި ރައްޔިތުންނަށް އެހީތެރިވެވޭ ފަދަ، ވަކިފަރާތަކަށް ނުޖެހޭ މިނިވަން އިންކުއަރީ ކޮމިޝަނަށް އެހީތެރިވާން ކޮމަންވެލްތުން ބޭނުންވާ ކަމަށެވެ. އަދި އެފަދަ މަސައްކަތަކަށް މަގުފަހިކުރުމުގައި ކާމިޔާބު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ރާއްޖެ ޑިމޮކްރަސީއަށް ކުރާ ދަތުރުގައި ކުރިއަށް ދެވޭ ފަދަ ގޮތަކަށް، ފެބްރުއަރީ ހަތް ވަނަ ދުވަހު ހިނގި ހާދިސާތަކަށް އެޑްރެސް ކުރުމުގައި ރައްޔިތުންނަށް އެހީތެރިވެދެވޭ ފަދަ ވަކިފަރާތަކަށް ނުޖެހޭ، މިނިވަން އިންކުއަރީ ކޮމިޝަނަކަށް އެހީތެރިވާން ކޮމަންވެލްތުން ބޭނުންވެ އެވެ." ސާ މެކްކިނަން ފުރާވަޑައިގަތުމުން ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު ކޮމިޝަނުގެ މަސައްކަތް ފަށަންވާ އިރަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ބޭފުޅަކު ހަމަޖެއްސެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބަޔާނުގައި އަދި ވަނީ މި މަހުގެ 10 ން 15 އަށް ޑޮނަލްޑް މެކްކިނަން ކުރެއްވި ދަތުރުފުޅުގައި، ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ ވަކިފަރާތަކަށް ނުޖެހޭ އަދި މަގުބޫލު ތަނަކަށް ހެދުމަށް ޓަކައި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަން މިމަހުގެ 15 ވަނަ ދުވަހު ( އިއްޔެ) ކާމިޔާބު ވެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ކޮމަންވެލްތުން އެދުނު ގޮތަށް އިންކުއަރީ ކޮމިޝަން ފުޅާކޮށް، ބައިނަލްއަގުވާމީ ފަރާތަކުން ކޮމިޝަން ކޯ ޗެއާ ކުރާ ގޮތަށް ހަމަޖެއްސުމަށާއި ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު އެކޮމިޝަންގައި ތަމްސީލުކުރެއްވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން އިއްޔެ ވަނީ އެއްބަސް ވެފަ އެވެ. ނަމަވެސް އެފަދަ ބޭފުޅެއްގެ ޝަރުތުތައް ސަރުކާރުން ކަނޑައަޅާތީ އެމްޑީޕީން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އިންކުއަރީ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް ( ސީމެގް) އިން ދިން ހަތަރު ހަފުތާގެ މުއްދަތު ހަމަވީ މިއަދަށެވެ. އެ ކޮމިޝަންގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ.
ކޮމަންވެލްތުގެ ހުށަހެޅުމަށް ސަރުކާރުން އެއްބަސް ވެފައި މި ވަނީ ސަރުކާރުގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުން އެޖަމާއަތަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެޖަމާއަތުން ވަކިވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށައަޅާފައި ވަނިކޮށެވެ.