23 Oct 2023, 13:50
އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ މިއަދު ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ، ވާޖިން އެޓްލާންޓިކް އިން ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ދެން ކުރާނެ ކަމަށެވެ. ވާޖިން އެއާލައިންގެ ބޮއިން 787 މަރުކާގެ ފުރަތަމަ ބޯޓު މިއަދު ޖެއްސީ، ހެނދުނު 7:40 ގައެވެ.

ވާޖިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުން-- ފޮޓޯ: އެމްއޭސީއެލް
އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެއެވެ.
ވާޖިން އެޓްލާޓިކްގެ އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭ އިރު، އޮންބޯޑް ބާއެއްގެ އިތުރުން އިށީނުމަށް ލަގްޒަރީ ގޮނޑި ވެސް ލިބޭނެއެވެ.
އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވިދާޅުވީ، ވާޖިން އެއާލައިނާ އެކު އިނގިރޭސިވިލާތާއި ރާއްޖެ ގުޅާލެވި، ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރަން އިތުރަށް ފަސޭހަވާނެ ކަމަށެވެ.

ވާޖިން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން-- ފޮޓޯ: އެމްއޭސީއެލް
ބްރިޓިޝް ހައި ކޮމިޝަނާ ކެރޯން ރޮސްލާ ވިދާޅުވީ، ރާއްޖެއާ އެ ގައުމާ ދެމެދު ސީދާ ދަތުރުކުރާ އެއާލައިނުތައް އިތުރު ކުރުމަކީ، ދަތުރު ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމެވެ.