23 Oct 2023, 13:15
ގާނޫނާ ޚިލާފުވާ ބޭރުގެ އިންވެސްޓަރުން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހެޅުއްވި ބިލުގައި ވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ, ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.
މީގެ އިތުރުން އެފަދަ އިންވެސްޓްމެންޓުތައް ދައުލަތަށް ނެގޭނެ ޚާއްސަ ހާލަތްތަކާއި އެ ހާލަތުގައި ބަދަލުދެވޭނެ އުސޫލުތަކާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުމަކީ ވެސް ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ބިލުގައި ވަނީ, ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ކުރެވޭނީ މި ގާނޫނުގައިވާ ގޮތުގެ މަތިން އިންވެސްޓްކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، މި ގާނޫނުގެ ދަށުން ދޫކުރާ ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް އަދި ލައިސަންސް ހޯދުމަށް ފަހުގައި ކަމަށް ބުނެފައެވެ.
އެގޮތުން ލައިސަންސް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު، މި ބިލް ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީން ބަލަހައްޓައި ދަފުތަރު ކުރަންވާނެ ކަމަށް ކަރުދާހުގައިވެއެވެ.
އެ ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ކަމާ ގުޅުންހުރި މިނިސްޓްރީއަށް ލިބިދޭއިރު، އެފަދަ ފިޔަވަޅު އެޅޭނެ ސަބަބުތަކުގެ ތެރޭގައި އިންވެސްޓަރު ބަނގުރޫޓުވުމާއި މަސައްކަތް ކުރަން ލައިސަންސް ހޯދި ނަމަވެސް މަސައްކަތް ނުކޮށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްވުމާއި ހުއްދަ ލިބިފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރުން ހިމެނެއެވެ.
އެ ބިލުގައިވާގޮތުން މިނިސްޓްރީން ލައިސަންސް ބާތިލުކޮށްފި ނަމަ އެ އިންވެސްޓަރަކު ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ދައްކައި ޚަލާސްކޮށް، އިންވެސްޓްމެންޓާ ގުޅިގެން ވަޒީފާ އަދާކުރަމުންދިޔަ ފަރާތްތަކަށް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދޭން ޖެހޭނެއެވެ.
މީގެ އިތުރުން އެ ބިލުގައި ވަނީ އިންވެސްޓަރުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމުގެ ތެރެއިން، ޚާއްސަ ހާލަތްތަކެއްގައި މެނުވީ ދައުލަތަށް އިންވެސްޓްމެންޓު ނުނެގުމަށް މާއްދާއެއް ހިމަނާފައެވެ. އަދި ދައުލަތަށް އިންވެސްޓްމެންޓެއް ނަގައިފި ނަމަ، އެކަށޭނަ ބަދަލު ދޭންވާނެ ކަމަށް ބިލުގައިވެއެވެ. އެ ބަދަލުގައި މިންވަރު ހިސާބުކުރާނީ އިންވެސްޓްމަންޓް ދައުލަތަށް ނަގާ ތާރީޚާ ހަމައަށް އެ އިންވެސްޓްމަންޓްގެ ފެއާ މާކެޓް ވެލިޔުއަށް ބެލުމަށް ފަހު ކަމަށް ބިލުގައިވެއެވެ.
އެ ބިލުގައިވާ ގޮތުން ފޮރިން އިންވެސްޓްމަންޓްތައް ހިންގާ ފަރާތްތަކުން ކުރަން މަނާ ކަންތައްތަކުގެ ތެރޭގައި:
1/ ފޮރިން އިންވެސްޓްމަންޓް ލައިސަންސްގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް ހިންގުން ނުވަތަ ގަވާއިދާ ޚިލާފަށް އެ ވިޔަފާރި ހިންގުން
2/ ލައިސަންސްގެ ޝަރުތުތަކާ ޚިލާފުވުން
3/ ލައިސަންސްއާ ޚިލާފުވުމުން އެކަމެއް ރަނގަޅުކުރަން އަންގާ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި އެކަމެއް ރަނގަޅު ނުކުރުން
4/ ފޮރިން އިންވެސްޓްމަންޓް ލައިސަންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހެޅުން
މި ބިލު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވުމުން، ގާނޫނަށް އަމަލުކުރަން ފަށާނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސް ފަހުންނެވެ.
މި ގާނޫނާ ޚިލާފުވާ އިންވެސްޓަރުންނަށް، ރަނގަޅު ކުރަން ޖެހޭ ކަންތައްތައް މިނިސްޓްރީން އަންގައި، އެކަމަށް މުއްދަތެއް ދޭނެއެވެ. އެ މުއްދަތުގައި އެގޮތަށް އަމަލުނުކޮށްފި ނަމަ، ގާނޫނާ ޚިލާފުވި ގޮތަށް ބަލައި ފިޔަވަޅު އަޅާނެއެވެ. އެގޮތުން:
1/ ހުއްދަނެތި ވިޔަފާރިއެއް ހިންގި ނަމަ މުޅި ވިޔަފާރީގެ ނުވަތަ އިންވެސްޓްމަންޓްގެ އަގުގެ 30 ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ
2/ ފޮރިން އިންވެސްޓްމަންޓް ލައިސަންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާނަމަ ކަމުގެ ބޮޑު މިނަށް ބަލައި އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރާނެ
3/ ގާނޫނުން މަނާކުރާ އިތުރު ކަމެއް ކޮށްފި ނަމަ އޭގެ ބޮޑުމިނަށް ބަލައި އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. ނުވަތަ އެ ފަރާތަކުން ހިންގާ މުޅި ވިޔަފާރީގެ ނުވަތަ އިންވެސްޓްމަންޓްގެ އަގުގެ 10 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ