ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށް މި ދިޔަ އަހަރުގެ ފަހު ތިން މަހު ސާފު ފައިދާ އަށް ލިބުނު 110.2 މިލިއަން ރުފިޔާ އަށް ވުރެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ލިބުނު ފައިދާ 67.4 މިލިއަން ރުފިޔާ ދަށްވެ، އެ ކުންފުނީގެ ސާފު ފައިދާ 42.7 މިލިއަން ރުފިޔާ އަށް ވެއްޓިއްޖެ އެވެ.

އާންމު ރައްޔިތުންގެ 18 ޕަސެންޓް ހިއްސާވާ އެ ކުންފުންޔަށް މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހު ޖުމްލަ ފައިދާ އަށް 334 މިލިއަން ރުފިޔާ ލިބި، ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާ އަށް 110.2 މިލިއަން ރުފިޔާ ލިބުނެވެ.

އެސްޓީއޯ އިން މިއަދު އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ވަގުތީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި 150.2 މިލިއަން ރުފިޔާ ލިބުނު އިރު ޓެކްސް އަށް ކެޑުމުގެ ކުރިން ސާފު ފައިދާ އަށް 42.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ސާފު ފައިދާ 42 މިލިއަނަށް އަރާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުނީގެ ސާފު ފައިދާ 32.4 މިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެސްޓީއޯގެ ފައިދާ އަށް ވަނީ 10.3 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިން އަށް ވިދާޅުވީ އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހަށް ވުރެ މިދިޔަ ތިން މަސްދުވަހު ދަށްވީ އެ ކުއާޓާގައި އެ ކުންފުނީގެ ވިޔަފާރި ހީނަރުވެ އަދި ދުނިޔޭގެ މާކެޓްގައި ތެލުގެ އަގަށް އައި ބަދަލާއި އެކު އެ ކުންފުންޏަށް ގެއްލުންތަކެއްވެސް ވުމުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ފުރަތަމަ ކުއާޓާގެ ފައިދާ ދަށްވެދާނޭ ކަމަށެވެ.

"އެކި ކަހަލަ ޝޯޝިއޯ އިކޮނޮމިކް އަދި ޕޮލިޓިކަލް ކަންތައްތަކާ ހެދި މިދިޔަ ކުއާޓާގައި ވިޔަފާރިކުޑަކޮށް ދައްކޮން ދިޔައީ، އަދި މިދިޔަ އަހަރުގެ ފަހު ކުއާޓާއަކީ މި ކުންފުންޏަށް އެންމެ ރަނގަޅު ފައިދާއެއްވި ކުއާޓާ، އެއީ ސާކްސަމިޓަށް ކުރި ސަޕްލައިތަކާއި ކުރި މަސައްކަތްތަކުގެ އިންކަމް އެ މަހު އައިސްފަިއ ހުރީމައި،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބަލަނީ ކުރިއަށް ހުރި ކުއާޓާތަކުގައި ފައިދާ ހަމަ ރަނގަޅުވާނެ ކަމަށް، އެއީ އަބަދުވެސް އަހަރު ފެށޭ ކުއާޓާ އެގޮތައް ދާނީ،"

ޕަބްލިކް ކުންފުނިތަކުގެ ތެރެއިން ރަނގަޅު ފައިދާއެއްވާ އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބި އެ ކުންފުންޏަށް މިދިޔަ އަހަރު 149 މިލިއަން ރުފިޔާ ސާފު ފައިދާ ހޯދި އެވެ.

އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ މާލީ ހިސާބު އާންމު ނުކޮށްގެން ސީއެމްޑީއޭއިން ވަނީ އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެގޮތަށް ދިމާވީ ބޯޑު މުޅިން އެކުލަވާނުލެވި އޮތުމުން ކަމަށެވެ. މި މަހު ބާއްވަން ކަނޑައަޅާފައި އޮތް އެ ކުންފުނީގެ އަހަރީ ޖަލްސާ ވެސް މިހާރު ވަނީ އަންނަ މަހަށް ފަސްކޮށްފަ އެވެ.