23 Oct 2023, 14:03
ޣައްޒާ (23 އޮކްޓޯބަރު 2023) : އިސްރާއީލުން ޣައްޒާއާ ދެކޮޅަށް މިހާރު ފަށާފައިވާ އުދުވާނީ ހަނގުރާމައިގާ ފުރަތަމަ ފަހަރަށް އިސްރާއީލުގެ ބާރަކާއި ފަލަސްތީނު މުޖާހިދުންގެ ބާރަކާ ދެމެދު އެއްގަމު މަގުން ކުރިމަތިލުމެއް ހިނގައި އިސްރާއީލު ސިފައިންގެ މީހަކު މަރުވެ ދެ މީހަކު ޒަޚަމްވެއްޖެއެވެ.
މި ކުރިމަތިލުމާ ބެހޭގޮތުން ހަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން އަލްގައްސާމްއިން ބުނީ އިސްރާއީލުގެ ސިފައިންގެ މަދުބަޔަކު ހިމެނޭ ބާރެއް (އޯމޯޑް ވެހިކަލާއި ޓޭންކާ އަދި ދެ ބުލްޑޯޒަރަކާއެކު) ޣައްޒާގެ ދެކުނުގައިވާ ޚާންޔޫނުސްގެ ފެންސް ފޫއަޅުވާލުމަށްފަހު ހައެއްކަ މީޓަރަށް ވަދެގަތުމާއެކު މުޖާހިދުންގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވުމުން އިސްރާއީލު ސިފައިން އެމީހުންގެ ހަތިޔާރުތައް ދޫކޮށްލުމަށްފަހު ބިރުން ދުވެފައިގޮސް ފެންސްގެ އަނެއްފަޅިއަށް ވަދެ ފިލާފައިވާ ކަމުގައެވެ.
ހަމާސްއިން އިސްރާއީލުގެ ބާރަށް ދިން ޙަމަލާގައި އެންޓި ޓޭންކް މިސައިލަކުންވެސް ހަމަލާދިންކަމަށްވެއެވެ. މި ހަމަލާގައި އިސްރާއީލުގެ ޓޭންކް ހަލާކުވެފައިވާއިރު އޭގައި އިން އިސްރާއީލު ސިފައިންގެ މީހާ މަރުވެ އިތުރު ދެ މީހަކު ޒަޚަމްވިއެވެ.
މި ކުރިމަތިލުމާ ބެހޭ ގޮތުން އިސްރާއީލު ނެރުނު ބަޔާން ބުނާގޮތުން އިސްރާއީލުގެ ބާރުތަކާ ކުރިމަތިލި ހަމާސްގެ ހަނގުރާމަވެރި ގުރޫޕަށް އިސްރާއީލު ސިފައިންވެސް ޓޭންކުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. އޭގެ ކުރިން މުޖާހިދުން އިސްރާއީލުގެ ބާރަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ އެކަކު މަރުވެ ދެ މީހަކު ޒަޚަމްވިކަމަށް އިސްރާއީލުގެ ބަޔާނުގައި އެއްބަސްވެފައިވެއެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
ޣައްޒާގެ އެތެރެއަށް ވަދެގަތުމުގެ އަޖުމަ ބަލާލުމުގެ ގޮތުން އިސްރާއީލު ހިންގި މި އޮޕަރޭޝަންގައި ލިބުނު ގެއްލުންތަކާއެކު އިސްރާއީލުގެ ސިފައިންގެ ހިތްވަރު އިތުރަށް ބަލިވެގެންދާނެކަމަށް އަލްޖަޒީރާގެ އަސްކަރީ އެނަލިސްޓް އުރުދުންގެ ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.
އައްދުވައިރީ ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިންގެ ފަސް ލައްކަ މީހުން ހިމެނޭ ލަޝްކަރުގައި އެއްގަމުމަގުން ފަލަސްތީނުގެ ޖަމާއަތްތަކާ ހަނގުރާމައެއް ކުރެވޭވަރުގެ ތަމްރީން ލިބިފައިވާ ސިފައިން ވަރަށް މަދުވާނެއެވެ. އިސްރާއީލު ސިފައިންނަށް އެއްގަމު ހަނގުރާމައިގެ ތަމްރީންގެ ގޮތުގައި މައިގަނޑުގޮތެއްގައި ދެނީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ބާރުތަކާ ދެކޮޅަށް އޮއްގައުއުކާ ފަލަސްތީނުގެ އާންމުންނާ ކުރިމަތިލުމުގެ ތަމްރީންތައްކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލު ސިފައިންގެ ހުރިހާވެސް އެއްޗަކީ ވައިގެ ބާރުކަމަށް އޭނާ ވިދާޅުވިއެވެ. އެއްގަމު ހަނގުރާމަ އިސްރާއީލަށް ނުކުރެވޭނެކަމަށާއި އިސްރާއީލަށް ކުރެވޭނެ ހަނގުރާމައަކީ މަތިން ބޮންއެޅުންކަމަށް އައްދުވައިރީ ވިދާޅުވިއެވެ.
އެމެރިކާގެ ރިޓަޔަޑް ޖެނެރަލް އަދި ކުރީގެ ސީއައިއޭގެ ވެރިކަން ކުރެއްވި ޖެނެރަލް ޑޭވިޑް ޕެޓްރާއޮސް ވެސް ވަނީ އިސްރާއީލު ސިފައިންނަށް އެއްގަމުން ފަލަސްތީނު މުޖާހިދުންނާ އެއްވެސް ވަރަކަށް ހަނގުރާމަ ނުކުރެވޭނެކަމަށާއި އެކަމުގެ ގާބިލުކަން އިސްރާއީލު ސިފައިންގެ ކިބާގައި ނުހުންނާނެކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.
"ސިފައިންގެ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ ގެރެންޓީ ނެތް ހަނގުރާމައަކަށް އިސްރާއީލު ނުވަންނާނެ" ރިޓަޔަޑް ޖެނެރަލް ޑޭވިޑް ޕެޓްރާއޮސް ވިދާޅުވިއެވެ.
ފަލަސްތީނު މުޖާހިދުންގެ އަތުގައި އިސްރާއީލުގެ އަސްކަރީ ޖެޓްތައް ވައްޓާލާނެ ޒަމާނީ އެންޓި އެއާކްރާފްޓް މިސައިލް ހުރިނަމަ ޣައްޒާއަށް ބޮންއަޅަން ދާން ވެސް އިސްރާއީލު ސިފައިންނަށް ނުކެރޭނެކަމަށް ޑޭވިޑް ޕެޓްރާއޮސް ވިދާޅުވިއެވެ.