23 Oct 2023, 09:50
އިންޑިއާ އާއި ޗައިނާގެ ޒަމާންވީ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންފުޅުނުވާ ކަމަށާއި އެކަމަށް ވަންނަ ވަރަށް ވުރެން ރާއްޖެ މާ ކުޑަ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި އިންޓަވިއޫއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ތިބެން ދިވެހީން ބޭނުން ނުވާ ކަމަށެވެ.
ހާއްސަކޮށް އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިއާ ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެ ނުރައްކަލަކަށް ހުށަހެޅި ދާނެ ކަމެއް ކަމަށެވެ.
"އިންޑިޔާގެ ސަފީރާ ބައްދަލުކުރިން، އަޅުގަނޑު ވަރަށް ސާފުކޮށް އެމަނިކުފާނަށް ދެންނެވިން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށް،" އަންނަ މަހު 17 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާ ސަފީރާއެކު-- ފޮޓޯ: އެލީޒް
މުއިއްޒު ވިދާޅުވީ އިންޑިއާއާއެކު ދިވެހި ސަރުކާރުން މިހާތަނަށް ހަދާފައިވާ އެގްރީމެންޓްތައް ރިވިއުކުރަން އެމަނިކުފާން ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އެ އެގްރިމެންޓްގައި ހުރި އެއްޗެއް. މަޖިލީހުގެ ބަހުސްތަކުގައި ބައެއް މެމްބަރުން ވެސް ވިދާޅުވި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އެކަން ބެލޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ބޭރުގެ މީޑިއާތަކުން މުއިއްޒު ސިފަ ކުރައްވަނީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ. ޗައިނާގެ ކެންޑިޑޭޓްގެ ގޮތުގައި މުއިއްޒު ސިފަ ކުރަނީ އެ މަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވި ދުވަސްވަރު އެ މަނިކުފާނު ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާއަށް ކަމަށްވާތީއެވެ. އެހާތަނަށް ރާއްޖެ ދުވަހަކު ވެސް ދެކެފައިނުވާ ފަދަ މަޝްރޫތައް ކަމަށްވާ ސިނަމާލެ ބްރިޖާއި ހަތް ހާސް ފްލެޓްފަދަ މަޝްރޫތައް ހިންގީ ޗައިނާ މެދުވެރިކޮށެވެ. އެކަމަށް ލޯނު ނެގީ ޗައިނާ ބޭންކްތަކުންނެވެ. މަސައްކަތްތައް ކުރީ ޗައިނާގެ ކުންފުނިތަކުންނެވެ. އެ ބޮޑެތި މަޝްރޫއުތައް ހިންގެވިއިރު އެކަން ކުރައްވަން ވަޒީރެއްގެ ގޮތުގައި ހުންނެވީ މުއިއްޒެވެ.
އެ ތުހުމަތަށް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަށް އެންމެ އިސް ވާނީ ގައުމު. އަޅުގަނޑުމެންގެ މިނިވަންކަން އެންމެ ފުރަތަމަ އަންނަނީ، އަޅުގަނޑަކީ އެއްވެސް ގައުމަކަށް ތާއީދުކުރާ އަދި ގައުމަކާ ދެކޮޅު މީހެއް ނޫން،" މުއިއްޒު ވިދާޅުވިއެވެ.