ބާސެލޯނާގެ އުމުރުން 17 އަހަރުގެ ފޯވަޑް މާކް ގިޔޫ، ސްޕެނިޝް ލަލީގާ އަދި ކްލަބުގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ 1-0ގެ ނަތީޖާއަކުން އެތުލެޓިކް ކްލަބު މޮޅުވި ސްޕެނިޝް ލަލީގާގެ މެޗުގައި ބާސާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ސްޕެއިން ފޯވަޑް ގިޔޫއެވެ. އެއީ ބާސާއަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ޖޮއާއޯ ފީލިކްސް ދިން ބޯޅައަކުން ގިޔޫ، އެ ގޯލު ކާމިޔާބުކުރީ އެތުލެޓިކް ކްލަބުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އޭނާ އެ ގޯލު ޖެހީ ކުޅެން ނުކުތްތާ 23 ސިކުންތުގެ ތެރޭގައެވެ. އަދި ގިޔޫ ގޯލު ޖަހާފައިވަނީ އޭނާ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ.

އެ ގޯލާއެކު ގިޔޫ ވެގެން ގޮސްފައިވަނީ ސްޕެނިޝް ލަލީގާގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ އަވަހަށް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާ ގޯލު ޖެހި އިރު، އުމުރަކީ 17 އަހަރާއި 291 ދުވަހެވެ. އޭގެ އިތުރުން އޭނާ ވެގެން ގޮސްފައިވަނީ ފުރަތަމަ މެޗުގައި ގޯލެއް ޖެހި ބާސާގެ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

"އަހަރެންނަށް ގަބޫލުކުރަން ވެސް ދަތި. އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ މުޅި އުމުރުގައި މިފަދަ ފުރުސަތަކަށް ހުރީ އިންތިޒާރުކޮށްގެން. އަދި އެކަން ނިމިގެން ވެސް މި ދިޔައީ ވަރަށް ރަނގަޅަށް،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގިޔޫ ބުންޏެވެ.

ކުޅުނު ދިހަ މެޗުން ހޯދި 24 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިންވަނައިގައި އޮތް ބާސާ ދެން ނުކުންނަން ޖެހޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗަކަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗުގައި ޝަޚްތާރު ޑޮނެސްކްއާ ދެކޮޅަށް ބާސާ އިން ނުކުންނާނީ ރާއްޖޭ ގަޑިން އަންނަ ބުދަ ދުވަހުގެ ރޭ 9:45 ގައެވެ.