އިޓާލިއަން ސެރީއާގައި އެންމެ ވަރުގަދަ އެއް ކުރިމަތިލުން ކަމުގައިވާ ޔުވެންޓަސް އާއި އޭސީ މިލާން ބައްދަލުކުރި މެޗް ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި މެޗް ޔޫވޭއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު މިލާނުން ބޯޅަ ގެންގުޅުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މި މެޗާއި ކުރިމަތިލިއިރު ދެ ޓީމަށްވެސް ވަނީ އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލަތަށް ދިމާވެފައެވެ.

މި ގޮތުން މިމެޗްގައި މިލާންގެ އެއްވަނަ އާއި ދެވަނަ ގޯލް ކީޕަރުން ކަމަށްވާ މައިކް މައިގްނާން އާއި މާކޯ ސްޕޯޓިއޭލޯއަށް ކުޅެވޭގޮތް ނުވުމުން ގޯލް ބަލަހައްޓާފައިވަނީ އުމުރުން 40 އަހަރުގެ ތިން ވަނަ ކީޕަރު ކަމަށްވާ އެންޓޯނިއޯ މިރާންޓޭއެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމެއް ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މި ހާފްގައިވަނީ ރަތްކާޑެއް ފެނިގެން ގޮސްފައެވެ. އެއީ މެޗްގެ 40 ވަނަ މިނެޓްގައި މިލާންގެ މަލިކް ތިއާއުއަށް ދެއްކި ރަތް ކާޑެކެވެ. މިއާއެކު މެޗްގެ ބާކީ ބައި މިލާނުން ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެެވެ. މިކާޑު ތިއާއުއަށް ދައްކާފައިވަނީ ޔޫވޭގެ ފޯވަޑް މޮއިސް ކިއާންއަށް ހުސްކޮށް ލަނޑުޖަހަން ލިބުނު ފުރުސަތެއްގައި އޭނާއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.

މި މެޗްގައި ޔޫއޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ މެނުއަލް ލޮކަޓެއްލީއެވެ. މި މެޗްގައި މިލާންއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ޔޫވޭއިން މި ވަނީ މިހާތަނަށް ކުޅުނު ނުވަ މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވުމުން ތާވަލްގެ އެއްވަނައަށް އެރުމަށް މިލާނަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އަދި މިލާން އޮތީ 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއް ވަނައިގާ މިވަގުތު އޮތީ 22 ޕޮއިންޓާއެކު އިންޓަ މިލާނެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އޭއެސް ރޯމާއިން މި ވަނީ މޮންޒާ އެއްލަނޑު ސުންލަނޑުން ބަލިކޮށްފައެވެ. އަދި އެޓަލާންޓާ ވަނީ ގެނޯއާ ދެ ލަނޑު ސުންލަނޑުން ބަލިކޮށްފައެވެ.