އިނގިރޭސި ވިލާތުގައި ކެންސަރު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް ދަށް ވެފައިވާ ކަމަށް ބީބީސީން ބުނެފިއެވެ. ބީބީސީން ބުނާ ގޮތުގައި އުމުރުން 50 ގެ އަހަރުތައް ގުނަމުންދާ މީހުންގެ ތެރެއިން ކެންސަރު ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބަލީގެ ކުރީ ކޮޅުގައި ފަރުވާ ކުރެވޭ ކަމެވެ.

މި ގޮތުން އުމުރުން 50 އަހަރާއި 59 އަހަރާ ދެމެދު މީހުން ކެންސަރު ބަލި ޖެހިގެން މަރުވާ ނިސްބަތް 40 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ކެންސަރ ރިސަރޗް އިން ވެސް ވަނީ ހާމަކޮށްފައެވެ. 1971 ވަނަ އަހަރު 21300 މީހުން ކެންސަރު ޖެހިގެން މަރުވެފައިވީ ނަމަވެސް 2010 ވަނަ އަހަރު، ކެންސަރު ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު 14000 އަށް ވުރެ ވެސް މަދު ކަމުގައި އެ ފަރާތުން ހާމަ ކުރެއެވެ.

ކެންސަރ ރިސަރޗް އިން ބުނާ ގޮތުގައި ކެންސަރު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވަނީ، ބަލީގެ އަސަރުކޮށްފައިވާކަން ބަލީގެ ކުރީކޮޅުގައި ދެނެގަނެވޭ ފަދަ ޒަމާނީ ސްކްރީނިންގ ޓެކްނިކުތަކުގެ ސަބަބުންނާއި، މިހާރު ކެންސަރަށް ދެވޭ ފަރުވާގެ ސަބަބުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުވުމުގެ ސަބަބުންނެވެ. އަދިވެސް ކެންސަރު ބަލި ޖެހުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވެފައި އޮތީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ މުއައްސަސާތަކުން ބުނާ ގޮތުގައި އެ ގައުމުގައި ފަސްވަނައަށް އެންމެ ގިނައިން މީހުން މަރުވާން ދިމާވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. މި ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން އެ ގައުމުގައި އަހަރަކު 60000 އަށް ވުރެ ގިނަ މީހުން މަރުވާ ކަމަށް އެ ފަރާތުން ހާމަކުރެއެވެ.