ބާރުގެ ބޭނުންކުރުމަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ނޫން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މިގޮތަށް ބުނެފައި ވަނީ ހޮނިހިރު ދުވަހު ނިންމާލި މިސްރުގެ ޕީސް ސަމިޓުގެ ހަވާސާގައި އަރަބި ލީގުގެ ވެރިޔާ އަހުމަދު އަބްދުލް ގައިދާއިއެކު ބޭއްވި ބައްދަލުވުމަށްފަހު މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަ ޗައިނާ ސަފީރު ޒައި ޖުންގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ގޮވާލަނީ މިވަގުތުން މިވަގުތަށް ހަނގުރާމަ ހުއްޓާލުމަށެވެ.

އިސްރާއީލް އަދި ހަމާސް ޖަމާއަތުގެ ނަންވެސް ނުގެނެސް އެ ބަޔާނުގައި ޗައިނާއިން ބުނެފައިވާ ގޮތުގައި އެ ގައުމުން ގަބޫލުކުރާ ގޮތުން ގަދަ ބާރަކީ މައްސަލަ ހައްލުކުރެވޭނެ ގޮތެއް ނޫނެވެ. އަދި އަނިޔާވެރިކަމަށް ރައްދު ދިނުމުން ބަދަލު ހިފުމުގެ ނުބައި ރޫހެއް އުފެދިގެންދާނެ ކަމަށްވެސް އެ ބަޔާނުގެ ވެއެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 4700 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

ޗައިނާއިން މިހާތަނަށް ވެސް އައީ އިސްރާއީލާއެކު ރަނގަޅު ގުޅުމެއް ގާއިމުކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އެ ގައުމުން ވަނީ ފަލަސްތީނު ފަޅިއަށް އަރާފައެވެ. އަދި "ޓޫ ސްޓޭޓް ސޮލިޔުޝަން" އަކީ ޗައިނާއިން ވަރަށް ބޮޑަށް ތާއީދުކުރާ ސިޔާސަތެއް ކަމަށްވެސް އަހްރަމް އޮލްނަލައިނުން ރިޕޯޓުކުރެއެވެ.

މީގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިނދުކޮޅަކަށް ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ގޮވާލި އދ. ގެ ސަލާމަތީ ކައުންސިލްގެ ގަރާރު އެމެރިކާއިން ވީޓޯ ކުރުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށްވެސް ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ ބުނެފައެވެ.

ހަމަނުޖެހުންތައް އިތުރަށް ފުޅާވެ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވުން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބުރާސްފަތި ދުވަހު ބެއިޖިންގައި މިސްރުގެ ބޮޑުވަޒީރު މޮސްތާފާ މަޑްބޫލީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް މަހްރަމް އޮންލައިން ވަނީ ރިޕޯޓުކޮށްފައެވެ.