23 Oct 2023, 09:03
ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ބައެއް އެކްޓަރުންނާ އެކު ތައްޔާރުކުރި ވަރުގަދަ ބިރުވެރި ފިލްމު "ކަޅަކި"ގެ ވަދާއީ ޝޯ އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
މަގުބޫލު ބަތަލާ ނިއުމާގެ ޕްރޮޑަކްޝަން ހައުސް "ނިއުޒޯ ފިލްމްސް"އިން ތައްޔާރުކުރި ބިރުވެރި ފިލްމު ކަޅަކި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ސްކްރީނުގައި ދައްކަން ފަށާފައެވެ.
މިހާރު ތައްޔާރުވެފައިވަނީ ފިލްމުގެ ފަހު ޝޯ ދެއްކުމަށެވެ. އެގޮތުން މާދަމާ ރޭ އޮލިމްޕަހުގައި ފިލްމުގެ ފަހު ޝޯ އަޅުވާނެއެވެ.
މި ފިލްމަށް އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަން ނިއުމާ ފާހަގަކޮށްފައިވެއެވެ. އަދި ހާއްސަކޮށް ބިރުވެރި ފިލްމަށް އޮތް ޑިމާންޑު މި ފިލްމާއެކު ނިއުމާއަށް އެނގިގެން ދިޔަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އެ ކަމިޔާބީއަށް ބަލައި ޕްރޮޑަކްޝަނުން ވަނީ އަނެއްކާ އާ ބިރުވެރި ފިލްމެއް އިއުލާނު ކޮށްފައެވެ.