ފަސްސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ކޮމްޕްރެޝަން ސޮފްޓްވެއާއެއް ކަމަށްވާ ވިންރާ ބޭނުންކުރާ ފަރާތްތަކުން މިހާރުން މިހާރަށް އެ ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށްފިއެވެ.

ބައެއް ޓެކްރިޕޯޓްތައް ބުނާގޮތުގައި ވަގުތުން ވަގުތަށް ވިންރާ އަޕްޑޭޓްކުރަން އަންގަނީ, ރަޝިއާ އާއި ޗައިނާގެ ސަރުކާރުގެ އެހީގައި ހިންގާ ކަމަށްބުނާ ހެކަރުންގެ ގްރޫޕްތަކުން ބޭނުންކުރާ ނުރައްކާތެރި މެލްވެއާއެއް ބޭނުންކޮށްގެން ޒާތީ މައުލޫމާތު ވަގަށް ނެގުންފަދަ ހެކިންގެ އަމަލުތަކެއް ހިންގަމުންދާކަން ފާހަގަ ކުރެވިގެންނެވެ.

ގޫގުލްގެ ތްރެޓް އެނަލިސިސް ގްރޫޕް (ޓެގް)އިން ވަނީ، މި އަހަރުގެ ކުރީކޮޅު ތަޢާރަފުކުރި މި ވިންރާ ވަލްނަރަބިލިޓީގެ ބޭނުން ހިފައި، ސައިބާ ކްރައިމްގެ އަމަލުތައް ހިންގާކަން ކަށަވަރު ކޮށްދީފައެވެ.

މި ނުރައްކާތެރި ބަގް ފެނުމާ އެކު މިދިޔަ އޮގަސްޓް މަހު ވަނީ އަޕްޑޭޓޭއް ނެރެފައެވެ. ފަހުން ލޯންޗްކުރި ވާޝަން 6.23 ގެ ކުރިން ނެރެފައިވާ ވިންރާގެ ހުރިހާ ވާޝަނަކަށް މި ވަލްނަރަބިލިޓީގެ އަސަރު ކުރާކަމަށް ޓެގް އިން ބުނެއެވެ. އެގޮތުން ".jpg" ނުވަތަ ".txt" ފަދަ އާންމު ފޯމެޓްތަކުގެ ގޮތުގައި ސިފަވާ ފައިލްތަކުގެ ތެރޭގައި މެލިޝިއަސް ސްކްރިޕްޓްތައް ފޮރުވުމުގެ ފުރުސަތު މި ވަލްނަރަބިލިޓީގެ ސަބަބުން ލިބިދެއެވެ. މި މެލިޝިއަސް ފައިލްތައް ބޭނުންކޮށްފައިވަނީ ސިސްޓަމްތަކަށް ވަދެ ބޭނުންކުރާ ފަރާތްތައް ކޮމްޕްރޮމައިޒް ކުރުމަށެވެ.

މި ވަލްނަރަބިލިޓީގެ ބޭނުން ހިފާ ހެކަރުންގެ ގްރޫޕްތަކުގެ ތެރޭގައި ރަޝިއާގެ ސިފައިންގެ ގްރޫޕެއް ކަމަށްބުނާ "ސޭންޑްވޯމް" ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޗައިނާގެ ސްޓޭޓް ޑިޕާޓްމަންޓާ ގުޅުން ހުރި ޖަމާއަތެއް ކަމަށް ބުނާ "އޭޕީޓީ 40" އިންވެސް މި ބަގް ބޭނުންކުރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ގޫގުލްގެ ޓެގް ޓީމުން ވަނީ މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް އަވަސް ސޮފްޓްވެއާ އަޕްޑޭޓްތަކާއި ސެކިއުރިޓީ ޕެޗްތަކުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މި މައްސަލަ ހައްލުކުރުމަށް އެންމެ ފަހުން ނެރުނު ވިންރާގެ ވާޝަން 6.23އަށް އަޕްޑޭޓް ކުރުމަށް ޔޫޒަރުންނަށް ޓެގް ޓީމުން ދަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރަމުންނެވެ.