ފުރަތަމަ 100 ދުވަހަކީ ބައެއް ކަންކަމުގައި ނަތީޖާ ހާސިލު ކުރެވުނު މިންވަރު ބަލަން މިން އަޅާ އަދަދަކަށްވެފައި އޮވެ އެވެ. ބައެއް ސަރުކާރުތަކުގައި ވެސް ފުރަތަމަ 100 ދުވަހު ހާސިލުވީ ކޮންކަމެއްތޯ ނުވީ ކޮންކަމެއްތޯ ބަލައެވެ. ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން ދެން އުފެދުނީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. މާދަމައަކީ މި ސަރުކާރަށް 100 ދުވަސް ހަމަވާ ދުވަހެވެ. އެހެން ކަމުން މިވީ މުއްދަތުގައި ސަރުކާރަށް ލިބުނީ ކޮންކަހަލަ ރިޕޯޓެއްތޯ މީހުން ސުވާލު އުފައްދާނެ އެވެ. ހާއްސަކޮށް ސަރުކާރާ ދެކޮޅު ފަރާތްތަކެވެ.

އަދި މިއީ މި ސަރުކާރުގެ 100 ދުވަހުގެ އުމުރުގައި ކާމިޔާބީތަކާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދަން ސަރުކާރަކަށް ކޮށްދެއްވިފައިވާ މަސައްކަތްތައް ބަލައި މިނެ ކިރާލަން ރަނގަޅު ވަގުތެކެވެ. ކުރީގެ އިދިކޮޅު ފަރާތައް ރައީސް ވަހީދުގެ ފަހަތުގައި މިއަދުގެ ޕޮލިސީ ލެވަލަށް އައިރު އެ މަގާމުތައް ލިބުމުން ރައްޔިތުންގެ ހައްގުގައި ކުރާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކުގެ މަތިން މީހުން އަދި ހަނދާނެއް ނުނެތޭނެ އެވެ.

މިސަރުކާރަކީ އިއްތިހާދެއްގެ ސަރުކާރެކެވެ. އިއްތިހާދުވުމުގެ ތަޖުރިބާއަށް ބަލާއިރު މި ސަރުކާރަށް 100 ހަމަ ކުރެވުމަކީ މޮޅެކެވެ. މީގެ ކުރީގެ އިއްތިހާދެއް ފޭލިވީ 21 ދުވަހުންނެވެ.

ސަރުކާރުގައި މިއަދު ތިއްބެވި ވަޒީރުންނަކީ ރައްޔިތުންނަށް ހިދުމަތް ނުލިބިގެން އެންމެ ގިނައިން އެފަދަ ވާހަކަތައް ދެއްކެވި އަދި ކުރީގެ ސަރުކާރުން ހިންގި ނޭދެވޭ ކަންކަން ފާހަގަކޮށް އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންނަށް ގައުމު ރަނގަޅަށް ގެންދަން އެނގެން ޖެހޭނެއޭ ބުނެވިދާނެ އެވެ. އަދި އިއްތިހާދު ސަރުކާރުގެ ސިޔާސަތުތައް ހާމަކުރާމާއި ކަންކަން ހިނގާނީ އިއްތިހާދުގައި ހިމެނޭ ހަތް ޕާޓީގެ ބަސް ހިމެނޭ ގޮތަކަށެވެ.

ރައީސް ވަހީދުގެ ސަރުކާރަށް ތާއީދުކުރާ ޕާޓީތައް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔައިރު އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ ސިޔާސަތުތަކަކީ ދީނާ ފުށުއަރާ ގޮތަށް އޭރުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވުމާއި ތަކެތީގެ އަގު ބޮޑުވެގެން ދިއުމާއި ސަރުކާރުގެ މަތިބަރުވުމުގެ އިތުރުން އެކުޓިވިސްޓުންނަށް ސަރުކާރުގެ ބޮޑެތި މަގާމުތައް ދިނުމެވެ.

އިއްތިދުގައި ހިމެނޭތީ ނަން ޖަހައިގެން ނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ވިދާޅުވީ ކުރީގެ ސަރުކާރަށް ބައެއް ކަންކަން އިސްލާހުކުރުމަށް ފާޑުކީ ފަރާތްތައް ސަރުކާރާ ހަވާލުވުމަށް ފަހު ބައެއް ކަންކަން ބައްޓަން ކޮށްފައި ވަނީ ކުރިއެކޭ ވެސް އެއްގޮތަށެވެ. އަދި ސިޔާސީ ގިނަ މަގާމުތަކެއް ކުރިއެކޭ ވެސް އެއް ގޮތަށް އެކްޓިވިސްޓުންނަށް ދީފައިވާ ކަމަށެވެ. އިގްތިސާދީ ގޮތުން ރާއްޖެ ވަޅުގަނޑެއްގެ ތެރޭގައި ވަނިކޮށް ވެސް ގަބޫލް ނުކުރެވޭނެ ގޮތަކަށް ބޭނުމެއް ނެތް ދެ މިނިސްޓްރީއެއް ހަދައި ކުރީ ސަރުކާރު ވެސް ހިނގި މަގުން ދަނީ ހިނގަމުންނެވެ.

"ނަޝީދުގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔަ ޖީއެމްއާރްގެ މައްސަލާގައި އަދިވެސް މިސަރުކާރަށް ގޮތެއް ނުނިމި ލަސްވަމުންދާ ލަސްވުމަކީ ވެސް މިސަރުކާރުގެ ބޮލުގައި އެޅިފައިވާ ހައްލު ނުކުރެވޭ މައްސަލައަކަށް ވެގެންދާނެ. އަދިވެސް އެއީ އެޑްރެސް ކުރެވޭ މައްސަލައަކަށް ނުވެ މިއޮތީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން 100 ދުވަސް ތެރޭގައި ވަކިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ އެވެ. ނަމަވެސް ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު ގައުމުގެ ކަންކަން ގެންދެވޭ މިސްރާބާ މެދު ހިތްޕުޅުހަމަޖެހިވަޑައި ގަންނަވާ ކަމަށް އެމަނިކުފާނު ހުންނެވީ ގަބޫލުފުޅު ކުރައްވައިގެނެވެ.

"ސުލްހަ ވެރިކަމާ އެކު ރާއްޖެ އަށް ހަމަޖެހުން ގެނައުމަށް ޓަކައި ކުރެވެމުންދާ މަސައްކަތް ހަމަ ރަނގަޅަށް މިދަނީ. މިދުވަސް ކޮޅުގެ ތެރޭގައި ވަރަށް ރަނގަޅު ކަންތައްވެސް ވެފައި އެހުރީ. އަދިވެސް އަޅުގަނޑުމެންނަށް ވީވަރަކުން ކަންކަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ،" ރައީސް ވިދާޅު ވިއެވެ.

ކުރީގެ ސަރުކާރަށް ވެސް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އަދި ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވުނީ ރާއްޖެއަށް ލާދީނީ ފިކުރު ފަތުރަން އުޅޭ ކަމަށް ބުނެ އެވެ. އެގޮތުން އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި މާސާޖު ޕާލާތައް ބަންދުކުރުމަށް ދެކޮޅު ހެދުމާއި އިސްލާމް ދިވެހި މާއްދަ އިހުތިޔާރީ މާއްދާތަކަށް ހަދަން މަސައްކަތްކުރުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކަން ހުއްދަ ދޭން މަސައްކަތްކުރުމުގެ އިތުރުން އިސްރާއިލްގެ ފްލައިޓް ރާއްޖެއަށް ޖެއްސުމުގެ ހުއްދަ ދޭން މަސައްކަތްކުރުމަކީ ރައްޔިތުންގެ ރުޅިގަނޑު އޭރުގެ ސަރުކާރަށް އަމާޒުވި ކަންކަމެވެ.

މިހާރުގެ އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އޭނާގެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި އަދި ސަރުކާރުން ވެސް ދީނީކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަށް ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އަދި ރާއްޖޭގައި ލާދީނީ ފިކުރުގެ ކަންކަން ހިންގުމުގެ ފުރުސަތު ނުދީ މަސާޖުޕާލާ ފަދަ ތަންތަން ބަންދުކުރުމުގައި ފުލުހުން މިހާރު އަދާ ކުރަމުންދާ ދައުރަށް ވެސް އޭނާ ތައުރީފު ކުރައްވަ އެވެ.

ވަހީދުގެ ސަރުކާރުން ވަނީ ހަށިވިއްކުމުގެ ތުހުމަތުގައި ހަތް ތަނެއް ބަންދުކޮށް ފަންސާހަށް ވުރެ ގިނަ މީހުންގެ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނގުރާ ވިއްކުން ފަދަ ކަންކަން މިސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދު އިސްލާމް ދީނުގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމުގައި އެހީތެރިވެދެއްވާނެ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

"އިސްލާމީ ބޮޑެތި ގައުމުތަކާއި ގުޅުން ބަދަހިކުރުމަށް ސަރުކާރުން ވެސް ހާއްސަކޮށް ފޮރިން މިނިސްޓްރީން ވެސް ވަރަށް ބޮޑެތި އެހީތެރިކަމެއް އަންނަނީ ދެއްވަމުން. ރައީސުލްޖުމުހުރިއްޔައާއި ނައިބުގެ ފަރާތްޕުޅުން ވެސް ވަރަށް ބޮޑެތި އެހީފުޅުތަކެއް ލިބެމުން އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރުގެ މިނިސްޓަރުންނަކީ އެކި ޕާޓީތަކުގެ ތަމްސީލް ކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން އެއީ އިއްތިހާދުގައި ހިމެނޭ ޕަޓީތަކަށް ނިސްބަތްވާ ގޮތަށް ހަވާލުކޮށްފައިވާ ވުޒާރާތަކެވެ. ސަރުކާރަށް 100 ދުވަސް ވާއިރު ސަރުކާރުގެ ބައެއް ވުޒާރާތައް މަސައްކަތުގައި އުޅޭތީ އެބަފެނެ އެވެ. ހަމައެހެންމެ ނެގިމަޑުވެފައި މިނިސްޓްރީތައް ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް އުންމީދު ކުރެވުނު ވަރާ ގާތަށް ވެސް މަސައްކަތްތައް ކުރިޔަށް ދިޔައެކޭ ބުނާނެ ތަނެއް އަދި ދެއްކިފައެއް ނުވެ އެވެ.

"އަޅުގަނޑަކަށް ނުފެނޭ، މާ ބޮޑު ކަމެއް ކުރިތަނެއް. ދެން ފެންނަނީ މުޅިން ވެސް ވާހަކަތައް ދައްކާ މަންޒަރާއި އަޑު. މިހެން ދެންނެވި ނަމަވެސް ހައުސިންގެ ދާއިރާގައި މަސައްކަތްތަކެއް ކުރަން ވަރަށް ބާރަށް އެދާއިރާ އިން އުޅޭތަން ފެނޭ،" ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ސަރުކާރު ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުމަކީ ވެސް މިސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންދިއުމާއި ދަތުރު ފަތުރުގެ ނިޒާމާއި އާސަންދައިގެ ހިދުމަތާއި ސޯސަލް ސެކިއުރިޓީގެ ފައިސާ އާއި އެކަނިވެރިމައިންނާއި 65 އަހަރުންމަތީގެ މީހުންނަށް ދޭން ޖެހޭ އިނާޔަތްތައް ހުއްޓުމެއް ނެތި ދެމުން ގެންދެވުމަކީ ސަރުކާރުގެ ކާމިޔާބީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރައީސް ވަހީދު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ކަމަށެވެ. އަދި އެގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވުމަކީ އެ މަނިކުފާނުގެ އެންމެ ބޮޑު އުފަލެވެ.

ސަރުކާރަކަށް 100 ދުވަސް މާދަމާވާއިރު ކުރަންޖެހި ނުކުރެވި ގިނަ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެއީ ސިޔާސީ ހަލަބޮލިކަމުން އެ ކަންކަން ކުރުމަށް ސަރުކާރަށް ޖާގަވެސް ނުލިބެނީ ކަމަށް ވެދާނެ އެވެ.

ހަގީގަތުގައި ޖުމްލަކޮށް ހުރިހާ ދިމާއަކަށް ވިސްނާލާއިރު ސަރުކާރުގެ 100 ދުވަސް ހޭދަން ކުރަން ޖެހުނީ ސިޔާސީ ހޫނާއި، ހާއްސަކޮށް އެމްޑީޕީގެ މަގުމަތީ މުޒާހަރާތަކާއި ކޮމަންވެލްތުގެ ފިއްތުންތަކާ އެކު އެވެ. އެހެން ކަމުން މުހިންމު ކަންކަމަށް އެޑްރެސް ކުރުމުގެ ބަދަލުގައި ބޮޑަށް އުޅެވިފައި އޮތީ ސިޔާސީ ހަރާކާތުގަ އެވެ.