22 Oct 2023, 21:44
އާ ސަރުކާރުން ލިބޭ މަގާމުތަކާއި، ލިބޭ މަގާމުތަކުގެ އަދަދަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި މުހިންމީ ޑިމޮކްރެޓުންގެ ސިޔާސަތާއި ވިސްނުން އާ ސަރުކާރުގައި ހިމެނުން ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މި ފަދައިން ވިދާޅުވީ މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ވެސް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކޮށް ޑިމޮކްރެޓްސްއިން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާގައި ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓުން ދެކެން ބޭނުންވާ ކަންކަން ހާމަކޮށްފައިވާކަމަށް ވެސް ހަސަން ވިދާޅުވިއެވެ. އެގޮތުން މުހިންމީ ހަމައެކަނި މަގާމުތަކެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވާ ވާހަކައެއް އެއީ އަޅުގަނޑުމެން މި އުޅެނީ ކޮންމެެހެން ސަރުކާރަކުން ކިތައް މަގާމުތޯ އަޅުގަނޑުމެންނަށް ބޭނުންވަނީ ނުވަތަ އަޅުގަނޑުމެންގެ ޑިމޮކްރެޓްސް ތިބޭނީ. އެ ވާހަކަތަކެއް ނޫނޭ ކޮންމެހެން އެހާ ބޮޑަކަށް ދައްކަމުން ގެންދަނީ. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުމޭ އަޅުގަނޑުމެން ގަބޫލުކުރާ ކަހަލަ ސިޔާސަތުތަކެއް އަޅުގަނޑުމެން ހިމެނޭ ސަރުކާރަކަށް ވެއްޖެޔާ އެ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރުން ހިންގުން،" އޭނާ ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އަޅުގަނޑުމެންގެ ހިއްސާ އޮންނަން. އެ ބޭފުޅުންގެ އަތް މަތީ އޮތް ކަމެއް އެއީ އަޅުގަނޑުމެންނަށް ކިހައިވަރެއްގެ ހިއްސާއެއްތޯ ދެއްވާނީ. ހޮވިވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއަކީ އެއީ ޕީއެންސީގެ ކެންޑިޑޭޓް،" އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ
މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ޕީއެންސީގެ ސަރުކާރަކަށްވާއިރު ޑިމޮކްރެޓުން އެދުނީ، އެ ޕާޓީއާ އެކު މަސައްކަތް ކުރާނެ ނަމަ ޑިމޮކްރެޓުން ހިމަނާ ކަންކަމުގައި ޖަވާބުދާރީ ވާނެ ގޮތަށް ބައިވެރިކޮށްދިނުމަށް ކަމަށެވެ.
މީގެ ކުރިން ވެސް ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑިމޮކްރެޓުން ވަނީ ޕީއެންސީއާ އެކު މަޝްވަރާ ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއިރު މަޝްވަރާ ކުރިއަށް ނުދިޔައީ ޑިމޮކްރެޓުން ބޭނުންވާ ގޮތަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށްދާން ޕީއެންސީން ދެކޮޅު ހަދާތީކަމަށް އެއިރު ޑިމޮކްރެޓުން ބުންޏެވެ.
ނަމަވެސް އިންތިޚާބަށް ފަހު ޑިމޮކްރެޓްސްގެ ރޫހާނީ ލީޑަރު ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އަލަށް އުފެދޭ ސަރުކާރުގައި ޑިމޮކްރެޓުންގެ ބައިވެރިވުން އޮންނާނެ ފަދަ މޭރުމަކުން ދޭހަވާހެން ވާހަކަފުޅު ދައްކަވައިފައެވެ.
ރައީސް ނަޝީދުގެ ކުރިން އެ ވާހަކަ އެ މޭރުމުން ދެއްކެވީ ހަސަން ލަތީފެވެ.
މި ކަމުގައި ރަސްމީކޮށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން ނުވަތަ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ބަހެއް އަދި ވިދާޅުވެނުލައްވައެވެ.