އަންނަ އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސްއިން މިއަދު ނިންމައިފިއެވެ.

މަޖިލީސް އިންތިޚާބާ ގުޅޭ މުހިއްމު ނިންމުންތައް ނިންމަން އެ ޕާޓީން މިއަދު ވަނީ ވަގުތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފައެވެ. ބައްދަލުވުމަށް ފަހު، ބައްދަލުވުމާ ގުޅޭ މައުލޫމާތުތައް ހާމަކުރަން ހ. މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ 93 ގޮނޑިއަށް ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މަޖިލީސް މެންބަރު އިލްޔާސް ލަބީބު ވަނީ މަޖިލީސް މެންބަރުންގެ އަދަދު 76ގައި ހިފަހައްޓަން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. އެހެންވެ، މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެ ގަރާރު ފާސްކޮށް މެންބަރުންގެ އަދަދު ލިމިޓު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ވެސް ނިންމައިފައެވެ. އަދި، އެ އިސްލާހު ނުގެނެވުނު ނަމަވެސް މަޖިލީހަށް އިތުރުވާ ހަ ދާއިރާއާ އެކު 93 ގޮނޑިއަށް ވެސް ވާދަކުރަން އެ ޕާޓީން ނިންމިއެވެ.

އެގޮތަށް އަމަލުކުރަން އެ ޕާޓީގެ ކައުންސިލަށް ހުށަހެޅީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވާ މުހައްމަދު ޝިފާޒެވެ.

"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެ ވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެންނަމަވެސް އެއަށް ވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް،" ހަަސަން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ބޭނުން ވަނީ، އިދާރީ ދާއިރާތަކަށް ނިސްބަތްވާ 55 ގޮނޑި އާއި ނެޝަނަލް ލިސްޓުގެ 11 ގޮނޑީގެ އިތުރުން، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 10 ގޮނޑި ހާއްސަ ކުރާށެވެ.

މިހާރު ގާނޫނު އަސާސީ އޮންނަ ގޮތުން އާބާދީގެ ކޮންމެ 5،000 ރައްޔިތަކަށް މަޖިލީހުގައި މެންބަރެއް ހުންނާނެއެވެ. އެއާ އެއްގޮތަށް އަންނަ 20ވަނަ މަޖިލީހުގައި ހަ މެންބަރުން އިތުރުވެ، ޖުމުލަ 93 މެންބަރުން ތިއްބަވާނެއެވެ.