16 May 2012, 10:03
ޕެރިސް (މޭ 16): ފަރަންސޭސި އައު ރައީސް ފްރާންސްވާ އޮލާންޑޭ ރައީސްކަމުގެ ޤާނޫނީ ހުވާކުރައްވުމަށް ފަހު ފަރަންސޭސި ބޮޑުވަޒީރު ކަމުގެ މަޤާމަށް އުމުރުން 62 އަހަރުގެ ޖާން މާކް އީރޫ ޢައްޔަން ކުރައްވައިފި އެވެ.
ޖާން މާކް އަކީ ފަރަންސޭސި ޕާލަމެންޓްގައި ހިމެނޭ ސޯސަލިސްޓް ފިކުރަށް ނިސްބަތްވާ މެންބަރުންގެ ގްރޫޕްގެ ރައީސެވެ. ޖާން މާކް މިމަޤާމަށް ޢައްޔަންކުރެއްވީ ފަރަންސޭސި އައުރައީސް ފްރާންސްވާ އޮލާންޑޭ ރައީސްކަމުގެ ޤާނޫނީ ހުވާކުރައްވުމަށް ފަހު އެލިޒޭ ގަނޑުވަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ކަމަށް އެގަނޑުވަރުގެ އަމީން ޢާންމު ޕިޔޭރު ރިނީ ވިދާޅުވި އެވެ.
ބޮޑުވަޒީރުކަމަށް ޖާން މާކް ޢައްޔަން ކުރެއްވުމަށް ފަހު އައު ރައީސް އޮލާންޑޭ ވަނީ މިއަދުގެ ނިޔަލަށް ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް އޭނާއާ ހަވާލުކުރައްވައި ރައީސެއްގެ ގޮތުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅުގައި އިއްޔެ ހަވީރު ޖަރުމަނުގެ ވެރިރަށް ބާލިންއަށް ވަޑައިގެން ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކެލްއާ ބައްދަލުކުރައްވާފަ އެވެ. މިއީ ވަކިއެޖެންޑާއެއް ކަނޑައަޅައިގެން އޮލާންޑޭ ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި މިއީ ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން ޖަރުމަނުގެ ވެރިންނަށް ތަޢާރަފްވެވަޑައިގަތުމަށް އޮލާންޑޭ ކުރެއްވި ޚާއްސަ ދަތުރުފުޅެއްކަމަށް އެލިޒޭ ގަނޑުވަރުން ހާމަކުރެ އެވެ.
ޖާން މާކް ގެކުރިން ފަރަންސޭސި ބޮޑުވަޒީރުކަމުގައި ހުންނެވީ ފްރާންސްވާ ފިޔޯންއެވެ. 15 މޭ 2007 ން، 15 މޭ 2012 ށް ދެމިގެންދިޔަ ކުރީގެ ރައީސް ނިކޮލައި ސަރކޯޒީގެ ވެރިކަމުގައި ބޮޑުވަޒީރަކަށް ހުންނެވި ހަމައެކަނި ބޭފުޅަކީ ފިޔޯން އެވެ. ފަރަންސޭސި އައު ބޮޑުވަޒީރު ޖާން މާކް އަކީ އައުރައީސް އޮލާންޑޭގެ މުސްތަޝާރެއްގެ ގޮތުން ރިޔާސީ ކޭންޕޭންގެ ދުވަސްވަރު މަސައްކަތްކުރެއްވި ސޯސަލިސްޓް ޝަޚްސިއްޔަތެކެވެ.
ސިޔާސީ ތަޖްރިބާކާރެއް ކަމަށްވާ ޖާން މާކްއަކީ 1986 ން ފެށިގެން ފަރަންސޭސި ޕާލަމެންޓްގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޖަރުމަނު ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ވެސް ދިގުމުއްދަތަކަށް މަސައްކަތްކުރައްވާފަ އެވެ. (ރޮއިޓާސް)