ޣައްޒާގެ އިންސާނީ ކާރިސާއަކީ އެ މީހުންނާ ބެހޭ ނޫން ކަމަށް ޔަހޫދީ އިސްރާއީލްގެ ކުރީގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ބުނެފިއެވެ.

ނަފްތާލީއާއި ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޅި ދުނިޔެއިން ގޮސް ޣައްޒާއަށް އެހީވިޔަސް އެއީ އެ މީހުންނާ ބެހޭ ކަމެއް ނޫން ކަމަށް ނަފްތާލީ ބުނެފައިވެއެވެ. އޭނާ މިހެން ބުނީ އިނގިރޭސި ނޫސްވެރިޔާ ވިކްޓޯރިއާ ޑާބަޝާ ހުށަހަޅައިދޭ "ލައުރާ ވިތް ކުއެންސްބާގް" ޕްރޮގްރާމްގައި ޣައްޒާއަށް އިތުރު އެހީ ފޯރުކޮށްދޭން އިސްރާއީލުން ފުރުސަތު ދޭނެތޯ ސުވާލުކުރުމުންނެވެ.

ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިސްރާއީލްގެ މީހުންނަށް އިޝާރާތް ކުރައްވައި އޭނާ ބުނި ގޮތުގައި އިންސާނީ ހައްގުތަކުގެ ވާހަކަ ދެ ފަރާތުން ވެސް ދައްކަންޖެހޭނެއެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ގެއްލުން ދިނުމުގެ ބަދަލުގައި އިސްރާއީލުން ހަނގުރާމަ ކުރަންޖެހޭނީ ހަމާސްއާ ކަމަށް ޕްރޮގްރާމްގައި ޑާބަޝާ ބުނެފައިވާ ކަމަށް ވެސް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. އެއަށް ޖަވާބުދެމުން ނަފްތާލީ ބުނީ އެހެން މީހުން ޣައްޒާއަށް އެހީވާން ބޭނުން ނަމަ އެހީވާންވީ ކަމަށެވެ. މީގެ އިތުރުން ޣައްޒާއިން ނުކުންނަން އާންމުންނަށް ފުރުސަތު ދިނުމަކީ އިސްރާއީލްގެ އިންސާނިއްޔަތުކަން ދައްކައިދޭ ހެއްކެއް ކަމަށް ވެސް ނަފްތާލީ ވަނީ ބުނެފައެވެ.

ނަފްތާލް މިހެން ބުނި ނަމަވެސް ޣައްޒާއިން މީހުން ނުކުންނަން އިސްރާއީލުން އެންގުމުން އެ ތަނުން ނުކުމެގެން އެހެން ހިސާބުތަކަށް ދަތުރު ކުރަމުން ދިޔަ މީހުންނަށް ވެސް އިސްރާއީލުން ވަނީ ބޮންއަޅައި ޝަހީދުކޮށްލާފައެވެ.

މިސްރުގެ ރެޑް ކްރެސެންޓުން ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ޓްރަކެއް ފޮޓޯ/އަލްޖަޒީރާ

ޣައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ބަރުކޮށްގެން ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު ކައިރީގައި 200އަށް ވުރެ ގިނަ އުޅަނދު އޮންނަތާ އެތައް ދުވަހެއްވެއްޖެެއެވެ. ނަމަވެސް މިދިޔަ ހަފުތާ ތެރޭގައި ޣައްޒާ އެއްކޮށް ބަންދުކުރުމަށް ފަހު، އެހީގެ އުޅަނދުތައް އެ ސަރަހައްދަށް ވަނުން އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް އިއްޔެ އިސްރާއީލުން ވަނީ އެހީއާ އެކު 20 އުޅަނދެއް ޣައްޒާއަށް ވަނުމަށް ފުރުސަތު ދީފައެވެ.

ނަފްތާލީއަކީ އިސްރާއީލްގެ ތޭރަ ވަނަ ބޮޑު ވަޒީރެވެ. ބޮޑު ވަޒީރުކަން ކުރައްވާފައި ވަނީ 13 ޖޫން 2021 ން 30 ޖޫން 2022 އަށެވެ.