22 Oct 2023, 19:37
ސައުދީ ޕްރޯ ލީގުގައި ފަހަތުން އަރައި ހޯދި މޮޅަށް ފަހު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އަލް ނަސްރުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި އިއްޔެ ކުޅުނު ލީގު މެޗުން އަލް ނަސްރު މޮޅުވީ ފުރަތަމަ ހާފުގައި ޑަމަކްއިން ގޯލެއް ޖަހައި ލީޑު ހޯދާފައިވަނިކޮށް 2-1ގެ ނަތީޖާއަކުންނެވެ. ދެވަނަ ހާފުގައި ފެށިތާ މާ ގިނައިރުތަކެއް ނުވެ، އަލް ނަސްރަށް ލީޑު ލިބިގެންދިޔައީ ބްރެޒިލް ފޯވަޑް ޓަލިސްކާގެ ގޯލުގެ އިތުރުން ރޮނާލްޑޯގެ ހިލޭ ޖެހުމުންނެވެ.
އެ މެޗު ކުރިއަށްދިޔަ އިރު، ދަނޑުތެރެއިން އަލް ނަސްރުގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ތަރި ރޮނާލްޑޯއަށް ބޮޑު ތަރުހީބެއް ދީފައެވެ. ދާދި ފަހުން ޕޯޗުގަލް ގައުމީ ޓީމާ އެކު 200 މެޗު ހަމަކުރި ރޮނާލްޑޯއަކީ "ސުޕަރ ހީރޯ"އެއް ކަމަށް ރަމްޒުކޮށްދޭ ބެނާތަކެއް ވެސް ދަނޑުތެރެއިން ފެނިގެންދިޔައެވެ.

އަލް ނަސްރުގެ ސަޕޯޓަރުން ދަނޑުތެރޭގައި ބެހެއްޓި ރޮނާލްޑޯގެ ބެނާ -- ފޮޓޯ/ ގެޓީ
މެޗަށް ފަހު ސޯޝަލް މީޑިއާގައި ރޮނާލްޑޯ ބުނީ ދަނޑުތެރެއިން ފެނިގެންދިޔައީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށާއި އެ ކަމަށްޓަކައި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި, ކުރިއަށް ހުރި މެޗުތަކުގައި ވެސް ކާމިޔާބީ ހޯދުމަށް ބުރަ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
މި ވަގުތު ސައުދީ ޕްރޯ ލީގުގެ ތިންވަނައިގައި އޮތް އަލް ނަސްރުން ދެން ނުކުންނަން ޖެހޭނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗަކަށެވެ. ގަތަރުގެ އަލް ދުހައިލްއާ ދެކޮޅަށް އަލް ނަސްރުން ނުކުންނާނީ ރާއްޖޭ ގަޑިން އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގައެވެ.