22 Oct 2023, 18:37
ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްލަނޑު އެއްލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗު ވެގެންދިޔައީ ރެއާލްގެ ކުރީގެ ތަރި އަދި ތަޖުރިބާކާރު ޑިފެންޑާ ސާޖިއޯ ރާމޯސް އެ ކްލަބް ދޫކޮށް ދިޔަފަހުން ރެއާލާ ދެކޮޅަށް ލަލީގާގައި ކުޅުނު ފުރަތަމަ މެޗެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގިނައިރު ރެއާލުން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑު ނެގީ ސެވިއްޔާއިންނެވެ. ނަމަވެސް މި ލަނޑަކީ ރެއާލްގެ ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ސެވިއްޔާއަށް މި ލީޑު ދެމެހެއްޓޭ ގޮތްވީ އެންމެ ހަތަރު މިނެޓު ވަންދެނެވެ. މިގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ރެއާލްގެ ޑަނީ ކާވަހާލްވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
މި މެޗުގައި ރާމޯސް ވަނީ މޮޅު ކުޅުމެއް ދައްކާ ރެއާލްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. ރާމޯސް ވަނީ ރެއާލްގައި ހޭދަކުރި 16 ސީޒަންގައި 671 މެޗު އެ ޓީމަށް ކުޅެފައެވެ. ރާމޯސް އޭނާގެ ކެރިއަރު ފެށި ސެވިއްޔާއަށް އަލުން ގުޅިފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން މި އަހަރެވެ.
މި މެޗު އެއްވަރުވި ނަމަވެސް ރެއާލް އަދިވެސް އުޅެނީ ލަލީގާގެ ތާވަލްގެ އެއްވަނައިގައެވެ. އެއީ، ކުޅުނު 10 މެޗުން ލިބިފައިވާ 25 ޕޮއިންޓާ އެކުއެވެ. އަދި، ސެވިއްޔާ އުޅެނީ ނުވަ ޕޮއިންޓާ އެކު ތާވަލްގެ 13 ވަނައިގައެވެ.
މި މުބާރާތުގައި ތާވަލްގެ ދެވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑާއި ސެލްޓަވީގޯ ރޭ ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށް އެ ޓީމުން މިހާރުވަނީ ރެއާލާ ދެމެދުގައި ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި، ތާވަލްގެ ތިންވަނައިގާ އުޅޭ ޖިރޯނާ މި ހަފުތާގައި ކުޅޭ މެޗު ކާމިޔާބު ކޮށްފިކަމަށް ވާނަމަ ރެއާލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެއެވެ.